ވިޔަފާރި
އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ ޑިސްކައުންޓްތައް
01/02/2026
ޒައިން ރަޝީދު

ޝެއަރ
އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަންއެއް މިއަދު އިއުލާންކޮށްފިއެވެ.
އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި ޕްރޮމޯޝަންގެ އިތުރުންވެސް ތަފާތު ގިނަ ކަންކަން ފާހަކޮށްފައެވެ. "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަންގައި 25 އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަންގަވާ ފަރާތްތަކަށް ލިބޭނެއެވެ. މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ 1 ފެބްރުއަރީ 2026 އިން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، ޕޮލިސީ ނަންގަވާ ފުރަތަމަ 41 ބޭފުޅުންނަށެވެ. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނޭކަމަށް އެލައިޑުން ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިދިޔަ އަހަރު އެ ކުންފުނިން ހިންގާފައިވާ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ އެކި ހަރަކާތްތަކާބެހޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި "ޑައިވް 40" އިނީޝިއޭޓިވް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދާ "ރައްކާ" މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ހިމެނެއެވެ. މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އާންމުން އަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި "އެލައިޑް ފެސްޓް 2025" ގެ ސިލްސިލާ ހަރަކާތްތައް މިދިޔަ އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން "އެލައިޑް ބައިސްކަލު ރޭސް" ވެސް ވަނީ ބާއްވާފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ކޯޕަރޭޓް ޕްލެޓްފޯމްތަކާއި ގުޅިގެން ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފައެވެ. މީގެ ތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީ.އީ.އޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިންގ އެކްސްޕޯ ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.
މިދިޔަ އަހަރު އެލައިޑުން ވަނީ ތާރީޚީ ކާމިޔާބީއެއްވެސް ހާސިލުކޮށްފައެވެ. އޭގެ ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީއަށް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފައެވެ. މީގެ އިތުރުން، މާކެޓްގެ ރަނގަޅު އިންސައްތަ އެއްވެސް ހާސިލްކުރެވިފައިވާކަމަށް އެލައިޑުން ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރު އެލައިޑްގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުނު މުނާސަބަތާ ގުޅުވައި، "އަޔާދީ ތަކާފުލް" ގެ ނަން ވަނީ "އެލައިޑް ތަކާފުލް" އަށް ބަދަލުކޮށް ރީބްރޭންޑް ކުރިއެވެ. މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އެވޯޑްސްގައި، ފާއިތުވި ދިހަ އަހަރުގެ (2016-2025) އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި ލަގަބު އެލައިޑް ތަކާފުލްއަށް ވަނީ ލިބިފައެވެ. އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) އިން ދޭ ޖިފާ އެކްސެލެންސް އެވޯޑް (ތަކާފުލް) 2025 ވެސް ވަނީ ލިބިފައެވެ.

ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު 2026 ވަނަ އަހަރުވެސް އިތުރަށް ވަރުގަދަ ކުރާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި ހަމަމިއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދޭންވަނީ ނިންމާފައެވެ. މީގެ އިތުރުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރާނެކަމަށް އެލައިޑުން މައުލޫތު ދެއްވިއެވެ.
އަދި ކުންފުނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން، ކުންފުނީގެ އަސްލު ނުގެއްލޭނޭހެން ކުންފުނީގެ ލޯގޯ އަދި އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ލޯގޯއަށް ގެނެވުނު ބަދަލު މިއަދު މިވަނީ ރަސްމީކޮށްވަނީ ދައްކާލާފައެވެ.
ހިޔާލު
ގުޅުންހުރި