ވިޔަފާރި
ހުޅުމާލެރަންގެ ޓައިޓަލް ސްޕޮންސަރަކަށް އެލައިޑް އިންސުއަރެންސް
04/03/2026
ޒައިން ރަޝީދު

ޝެއަރ
އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ހުޅުމާލެ ރަން 2026" ގެ ޓައިޓަލް ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފިއެވެ.
"އެލައިޑް ހުޅުމާލެ ރަން 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 މެއި 2026 ގައި ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާރު ކުރާ، ރާއްޖޭގައި ބޭއްވޭ ފާހަގަކޮށްލެވޭ އެއް ދުވުމެވެ.
މި ދުވުމުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނެހެން ފޯރިގަދަ ހަތަރު ކެޓަގަރީއެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ 1 މައިލް ފެމިލީ ރަން، 5 ކިލޯމީޓަރުގެ ދުވުން، 10 ކިލޯމީޓަރުގެ ދުވުން އަދި ތަޖުރިބާކާރު ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ 21 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެއެވެ. ޖުމްލަ 2,500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މި ދުވުމަކީ އިޖުތިމާއީ އެއްބައިވަންތަކަމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ދައްކުވައިދޭނެ ހަރަކާތެކެވެ.
އެލައިޑް ހުޅުމާލެ ރަން 2026 ގެ ހާއްސަވާ އެއްކަމަކީ، ހުރިހާ ދުވުންތެރިންވެސް މި ދުވުމުގައި ދުވާނީ އެލައިޑް އެކްސިޑެންޓަލް ކަވަރ އަކާއި އެކުގައެވެ. އެލައިޑުން ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވުންތެރިއަކަށްވެސް މިފަދަ ހަރަކާތްތަކުގައި ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިންމުކަމެކެވެ.
މީގެ އިތުރުން، މި ދުވުން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން، ދުވުމުގެ އެކި ކެޓަގަރީ ތަކުން ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އެލައިޑްގެ ފަރާތުން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެލައިޑް ހެލްތު ކަވަރޭޖާއި އަހަރީ ޓްރެވަލް ކަވަރޭޖް ހިމެނެއެވެ. މިއީ ދުވުން ނިމުމަށްފަހު ވެސް، ބައިވެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެލައިޑުން ބަހައްޓާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
އެލައިޑް ހުޅުމާލެ ރަން އަކީ ހަމައެކަނި ދުވުމުގެ މުބާރާތެއް ނޫނެވެ. މިއީ އެންމެން ގުޅިގެން ހާސިލުކުރެވޭނެ ކަންތައްތައް ފާހަގަކޮށް އިޖުތިމާއީ ރޫހު އާލާކުރާ ހަރަކާތެކެވެ. 22 މެއި 2026 ގައި ދުވުމަށް ތައްޔާރުވާ ކޮންމެ ދުވުންތެރިއަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެލައިޑުން ފަހުރުވެރިވާ ކަމެއްކަމަށް އެކުންފުނިން ބުނެއެވެ.
ހިޔާލު
ގުޅުންހުރި