ރާއްޖެއިދިކޮޅު
ލޯކަލް ކައުންސިލް އިންތިޚާބު: އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީން
06/04/2026
ޒައިން ރަޝީދު

ޝެއަރ
ހޮނިހިދު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބ ކުރީ އިދިކޮޅު އެމްޑީޕީންކަން ކަށަވަރު ވެއްޖެއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަމުންދާއިރު، މިހާތަނަށް އެމްޑީޕީން ވަނީ 42 އިންސައްތަ ގޮނޑި ކާމިޔާބު ކޮށްފައެވެ. އެއީ ޖުމުލަ 238 ގޮނޑިއެވެ. ވެރިކަން ކުރާ ޕީއެންސީ އަށް ކާމިޔާބު ކުރެވުނީ 216 ގޮނޑިއެވެ. އެއީ 38.9 އިންސައްތެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ 555 ގޮނޑީގެ ތެރެއިން މިހާތަނަށް ނަތީޖާ ކަށަވަރު ނުވަނީ އެންމެ 5 ގޮނޑީގެވެ. އެހެން ކަމުން އެ ގޮނޑިތައް ޕީއެންސީއަށް ލިބުނަސް އެންމެ ގިނަ ގޮނޑި ލިބޭނީ އެމްޑީޕީއަށެވެ.
އެމްޑީޕީއާއި ޕީއެންސީގެ އިތުރުން ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އެއީ 13 އިންސައްތަ ނުވަތަ 72 ގޮނޑިއެވެ.
މީގެ އިތުރުން ދަ ޑިމޮކްރޭޓްސް 2 ގޮނޑި، ޖުމްހޫރީ ޕާޓީ 1 ގޮނޑި އަދި އަދާލަތު ޕާޓީ 1 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 3 ވޯޓެއް ނެގިއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއި ރާއްޔިތުންގެ އާންމު ޚިޔާލު ހޯދުމުގެ ވޯޓެވެ.
އާންމު ޚިޔާލު ހޯދުމުގެ ވޯޓުގައި 68 އިންސައްތައަށް ވުރެ ގިނަ މީހުން ބުނީ ނޫނެކޭއެވެ. އެއްކޮޅަށް ވޯޓު ދިނީ ވޯޓުލީ މީހުންގެ އެންމެ 30 އިންސައްތަ މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމިޓީގެ ތަކުގެ ގިނަ ގޮނޑިތައް ލިބުނީ އެމްޑީޕީއަށެވެ.
ހިޔާލު
ގުޅުންހުރި