ރާއްޖެއިދިކޮޅު

ވާހަކަ ދައްކަވަން ފުރުސަތު ނުދިނުމުން ނަޝީދު ޖަލްސާއަށް ވަޑައިނުގެންނެވި

06/04/2026

ޒައިން ރަޝީދު


ޝެއަރ

ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން މިރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި ޖަލްސާ ރައީސް މުޙައްމަދު ނަޝީދު ބޮއިކޮޓް ކުރައްވައިފިއެވެ.

އެމަނިކުފާނާ ގާތް ބޭފުޅުން މަޢުލޫމާތު ދެއްވި ގޮތުގައި ރައީސް ނަޝީދު ޖަލްސާއަށް ވަޑައިނުގަތީ ޖަލްސާގައި ވާހަކަ ދައްކަވަން ކުރިން ނިންމަވާފައިވަނިކޮށް، އެޖެންޑާ ބަދަލުކޮށް ޖަލްސާގައި ވާހަކަ ދައްކަވަން ރައީސް ނަޝީދަށް ފުރުސަތު ނުދިނުމުންނެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްވެސް އެދިވަޑައިގަތެވެ. ނަމަވެސް ރައީސް ނަޝީދުއާއެކު މިހާރު މަސައްކަތް ކުރައްވާ ފައްޔާޒުއަށްވެސް ފުރުސަތެއް ނުދެއެވެ.

ޖަލްސާގައި ވާހަކަ ދެއްކެވީ އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދުއާއި ޗެއަރޮޕާސަން އަބްދުލްޣަފޫރު މޫސާއާއި ސިޓީތަކުން ހޮވިވަޑައިގެންނެވި މޭޔަރުންނާއި ސިޓީތަކުން ހޮވިވަޑައިގެންނެވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުالله ޝާހިދު ވިދާޅުވީ އެމްޑީޕީގެ ކާމިޔާބީއަކީ ވަކި މީހަކާ ގުޅިފައިވާ އެއްޗެއް ނޫންކަމަށާއި އެއީ އެމްޑީޕީގެ ހުރިހާ މެންބަރުން ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ރައީސް ނަޝީދު ޖަލްސާ ބޮއިކޮޓް ކޮށްފައި މިވަނީ ޖަލްސާ ފެށުމުގެ ގަޑިއިރުތަކެއް ކުރިން ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށް ތާޢީދުކުރާ އެމްޑީޕީގެ އެކްޓިވިސްޓުންނާއި ރައީސް ނަޝީދަށް ތާޢީދުކުރާ އެކްޓިވިސްޓުންނާ ދެމެދު ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ދެމުންދަނިކޮށެވެ.

ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާގެ ކޮއްކޮ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމްޑީޕީއަށް ލިބުނު ކާމިޔާބީ އަކީ ރައީސް ނަޝީދު އެނބުރި އެމްޑީޕީއަށް އައުމުން ލިބުނު ކާމިޔާބީއެއް ނޫންކަމަށެވެ. އެއަށް ރައްދުދީ ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނެފައިވަނީ ނަތީޖާ ހާސިލްކުރުމުގައި ނަޝީދުގެ ދައުރު ބޮޑުކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ނަޝީދުވަނީ އެކިރަށްރަށަށް ވަޑައިގެން އެމްޑީޕީ ކެންޑިޑޭޓުންނަށް ކެންޕެއިން ކޮށްދެއްވާފައެވެ.

ހިޔާލު


ގުޅުންހުރި