ވިޔަފާރި
މޯލްޑިވް ގޭސް އިން ރާއްޖޭގެ ބާޒާރަށް ލިކިއުޑް ނައިޓްރޮޖަން ނެރެފި
07/05/2026
ޒައިން ރަޝީދު

ޝެއަރ
ރާއްޖޭގައި ފުޅާދާއިރާއެއްގައި ގޭހުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، މޯލްޑިވް ގޭހުން ލިކިއުޑް ނައިޓްރޯޖަން އުފައްދައި ރާއްޖޭގެ ބާޒާރަށް ރަސްމީކޮށް ނެރެފިއެވެ.
ލިކިއުޑް ނައިޓްރޯޖަން އަކީ އާންމުކޮށް ސިއްހީ ދާއިރާގެ އިތުރުން ކާބޯތަކެތީގެ ސިނާއަތުގައި ތަފާތު ބޭނުންތަކަށް ބޭނުންކުރާ އެއްޗެކެވެ. މޯލްޑިވް ގޭހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ބޭނުންވާ ލިކިއުޑް ނައިޓްރޯޖަން މިހާރު ސަޕްލައި ކުރަމުންދަނީ އެ ކުންފުނިންނެވެ. މީގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ވެސް މިހާރު ދަނީ މި ހިދުމަތް ފޯރުކޮށްދެމުންނެވެ.
ސިއްހީދާއިރާގައި ލިކިއުޑް ނައިޓްރޯޖަން ބޭނުންކުރާ މައިގަނޑު ބޭނުންތަކަށް ބަލާއިރު ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށާއި (Cryotherapy)، ސާމްޕަލްތައް ގަނޑުކޮށްފައި ބެހެއްޓުމަށް ބޭނުންކުރެއެވެ. އެގޮތުން ތަހުލީލްތަކަށް ނަގާ ސާމްޕަލްތަކާޢި އަދި ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ސާމްޕަލްތައް ގަނޑުކުރުމަށް ބޭނުންކުރެއެވެ. ރާއްޖޭގައިވެސް މިހާރު ހަމުގެ ކްލިނިކްތައް ހިންގަމުންދާއިރު، މިއީ މިފަދަ ކްލިނިކްތަކަށް ލިބިގެންދާ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާއެވެ.
ކާބޯތަކެތީގެ ސިނާއަތުގައި ލިކިއުޑް ނައިޓްރޯޖަން ބޭނުން ކުރަނީ ވަގުތުން ފިނިކުރަންޖެހޭ ފޮނިކާތަކެތި ތައްޔާރުކުރުމަށެވެ. އެގޮތުން ފައިން ޑައިނިންގ ރެސްޓޯރަންޓްތަކުގައި ލިކުއިޑް ނައިޓްރޯޖަން ވަނީ ވަރަށް މަގުބޫލުކަމެއް ހޯދާފައެވެ. މީގެ އިތުރުން ފިނިބުއިންތައް ކަސްޓަމަރުންނަށް ސަރވްކުރުމުގައި ދުންއަރާފަދަ ރީތި މަންޒަރުތައް އުފެއްދުމަށްވެސް ބޭނުންކުރެއެވެ. ހަމައެއާއެކު، އަވަހަށް ގަނޑުކުރަންޖެހޭ އަދި ފަސޭހައިން ހަލާކުވާ ތަކެތި ފްލޭޝް ފްރީޒް ކުރުމަށްވެސް ބޭނުންކުރެއެވެ. މީގެ ސަބަބުން ކާނާގެ ތާޒާކަމާއި، ރަހައާއި، އަދި ހަށިގަނޑަށް ފައިދާހުރި މާއްދާތައް ހިފެހެއްޓެއެވެ.
އަދި މޯލްޑިވް ގޭސް ގެ ހޮޓްލައިން ނަންބަރ 1616 އަށް ގުޅައި އޮޑަރ ކޮށްލުމުން ޑެލިވަރީގެ ހިދުމަތްތަށް ވެސް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭސް އިން ހާމަ ކުރެއެވެ.
ހިޔާލު
ގުޅުންހުރި