ރާއްޖެސަރުކާރު

ޔުނިސެފްގެ ސަފީރު ނައިބު ރައީސްއާ ބައްދަލު ކުރައްވައިފި

25/04/2021

Admin


ޝެއަރ

ޔުނިސެފް އިން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު މަރްޖާން މޮންޓަޒޭމީ ނައިބު ރައީސް ފައިސަލް ނަސީމްއާ މިއަދު ބައްދަލުކުރައްވައިފިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް، ޔުނިސެފްގެ ސަފީރަށް މަރުޙަބާ ވިދާޅުވެ، ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ދެމުންދާ އެއްބާރުލެއްވުމާއި، އެހީތެރިކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ހިންގާ ވެކްސިން ދިނުމުގެ ކެމްޕެއިނަށް، އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރާ ޒެނެކާ ވެކްސިންގެ 12,000 ޑޯޒް އަދި، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ފައިޒަރ ވެކްސިންގެ 5,850 ޑޯޒް ރާއްޖެއަށް ހޯދައިދިނުމުގައި ޔުނިސެފްއިން އަދާކޮށްދެއްވި ދައުރު ފާހަގަކުރައްވައި، ވަކިން ޚާއްސަކޮށް އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ޔުނިސެފްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ކުރިޔަށް އޮތް ތަނުގައި ޔުނިސެފްގެ ފަރާތުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގައި ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމާއި، ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މުޖުތަމަޢު މިހާރަށްވުރެ ބޮޑަށް ބާރުވެރިކުރުވުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ނައިބުގެ ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެ ކުދިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމުގައި ފާހަގަ ކުރައްވާފައެވެ. މިގޮތުން، ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރެވިފައިވާ ކަމަށެވެ. މި ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ، ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި