ރާއްޖެސަރުކާރު
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް
01/06/2026
ޒައިން ރަޝީދު

ޝެއަރ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފި އެވެ.
ސަލީމް އިންތިޚާބު ވީ 62 ވޯޓުންނެވެ. އޭނާއާ ވާދަ ކުރެއްވި އިދިކޮޅު އެމްޑީޕީގެ ހުސެއިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ދެ ވޯޓަކީ ބާތިލު ވޯޓެވެ.
ސަލީމްއަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އެވެ. އަދި ވިދިވިދިގެން މަޖިލީހުގެ ދައުރުތަކެއް ފުރިހަމަ ކުރަމުންދާ މަދު މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. މިއީ ސަލީމްގެ ހަތަރު ވަނަ ދައުރެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އަލުން މީހަކު އިންތިހާބު ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމުންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ ވެރިކަން ކުރާ ޕީއެންސީން އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޖަލްސާ ފެށުމަށް ތައްޔާރުވެފައިވަނިކޮށެވެ.
ނާޒިމް ވަކި ކުރަން ޕީއެންސީގެ މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އޭނާ މަސައްކަތް ކުރެއްވީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެވަޑައިގެން ކަމަށާއި މަޖިލިސް ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ހިޔާލު
ގުޅުންހުރި