ރާއްޖެސަރުކާރު

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ޤުރުއާން އުނގަންނައިދުނުމުގެ ޕްރޮގްރާމެއް ފަށައިފި

26/04/2021

Admin

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ޤުރުއާން އުގަންނައިދިނުމުގެ ޕްރޮގްރާމް ނައިބު ރައީސް ފައްޓަވައި ދެއްވަނީ - ފޮޓޯ: ރައީސް އޮފީސް


ޝެއަރ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ފައްޓަވާ ދެއްވީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒު އަދި ރާއްޖޭއިން ބޭރުގައި ހުންނަ ދިވެހި މިޝަންތައް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ފެއްޓެވުމަށްފަހު ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ކުރައްވަމުން ގެންދަވާ މިފަދަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން ޝާމިލުކުރުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި އުންމީދަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ޤުރުއާން އުނގަންނައިދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް، މި ފަހިވެގެން ދިޔަ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، ވީހާވެސް ގިނަ ޢަދަދެއްގެ ދިވެހީން މި ޕްރޮގްރާމްގައި ބައިވެރިވެ އޭގެ ފައިދާ ލިބިގަތުމެވެ. އިސްލާމިކް މިނިސްޓްރީއާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރައްވަމުންދާ މިފަދަ މަސައްކަތްތައް ފާހަގަކުރައްވައި، މިއަދު މި ފެށި ޕްރޮގްރާމް މެދުކެނޑުމެއްނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނޭ އިންތިޒާމެއް ހަމަޖެއްސެވުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.

ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ


މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް ޤުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލައި، އެ ދަރިވަރުންނަކީ ޤުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުމެވެ. ހަމަ އެހެންމެ، އެ ދިވެހީންނަށްވެސް ޤައުމުތަކުގައި ތިބެ ޤިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ކުރިއަށް ގެންދަނީ ތިން ލެވެލްއެއްގެ ކުލާސްތަކެކެވެ. އެއީ އަކުރު އުނގަންނައިދިނުމުގެ ކުލަސްތަކާއި، ފިލި އުނގަންނައިދިނުމުގެ ކުލާސްތަކުގެ އިތުރުން، ކަލިމަތައް އުނގަންނައިދިނުމުގެ ކުލާސްތަކެވެ. މި ޕްރޮޤްރާމުގައި މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި، އިންޑިޔާ އިން 8 ބައިވެރިން މިހާތަނަށް ރަޖިސްޓަރީ ކޮށްފައވެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރުގެ އިތުރުން މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް ޢަލީއާއި، ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު އަސްލަމް ޝާކިރާއި، އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ޙުސައިން ނިޔާޒް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ހިޔާލު


ގުޅުންހުރި