ރާއްޖެސަރުކާރު

ޒަހާ މަޤާމުން ވަކިކޮށް، ރައީސް އޮފީހަށް ބަދަލުކޮށްފި

04/05/2021

Admin

ޒަހާ ވަހީދު - ފޮޓޯ: މަޖިލިސް


ޝެއަރ

މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޒަހާ ވަހީދު މަޤާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަދަލުކޮށްފިއެވެ.

ޒަހާ ވަކިކުރިކަން އެންގީ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ. ޒަހާ ވަނީ މިއަދު މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކޮށް މިނިސްޓްރީން ވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓަރ މަޤާމުން ވަކިކުރީ، ލޯކަލް ކައުންސިލް އިންތިޙާބަށްފަހު ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެންނަވާނެކަން ރައީސް އޮފީހުން ހާމަކުރައްވާފައިވަނިކޮށެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާން ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ ހިންގުމަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ކޯލީޝަން ލީޑަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ.

ފިޝަރީޒް މިނިސްޓަރުގެ މަޤާމުން ޒަހާ ވަކިކުރިއިރު، މަސްވެރި ކަމުގެ ސިޔާސަތާއި މަސްވެރިން ޝަކުވާތަކަށް ހައްލެއް ނުލިބޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އޭނާގެ އިތުބާރު ނެތްކަމުގެ މަސައްލެއްވެސް ވެއްދިއެވެ. އަދި ބައެއް ވަޒީރުންނަށް މަސައްކަތް ނުކުރެވޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ވިދާޅުވެފައެވެ.

ޒަހާ ވަކިކުރީ ކީއްވެގެން ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ. އަދި ރައީސުލްޖުމްރޫގެ އޮފީހުގެ މިނިސްޓަރުކަން ދެއްވި ކަމެއްވެސް ޔަޤީންކޮށެއް ނުދިނެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ދެން އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ، ޒުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެންވައިރޮންމަންޓް މިނިސްޓަރގެ މަޤާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ޙަސަން އެވެ. އޭނާ އަކީ ކުރިންވެސް ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ހިޔާލު


ގުޅުންހުރި