ރާއްޖެސަރުކާރު

ކޮވިޑްގެ ހާލަތު ބަލަން ކޮންމެ އަތޮޅަކަށް ރައީސްގެ މަންދޫބެއް

29/05/2021

Admin


ޝެއަރ

ރާއްޖޭގައި ބާރަށް ކޮވިޑް-19 ފެތުރެމުންދާތީ, އަތޮޅުތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސަތްކަތް ބެލުމަށް ކޮންމެ އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއް ކަނޑައަޅުއްވައިފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަތޮޅަކަށް ސިޔާސީ ވެރިއަކު ކަނޑައެޅުއްވީ ކޮވިޑް-19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު އިތުރަށް ބަލާ ހަރުދަނާ ކުރުމަށެވެ. އެގޮތުން އެކި މިނިސްޓްރީތަކުން ސްޓޭޓް މިނިސްޓަރެއް ނުވަތަ ޑެޕިއުޓީ މިނިސްޓަރެއް ކޮންމެ އަތޮޅަކަށްވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވި ބޭފުޅުން މަސައްކަތް ކުރައްވާނީ، ކައުންސިލްތަކާއި ޓާސްކްފޯސްތަކާ ގުޅިގެން އެ އަތޮޅެއްގެ ކޮވިޑް ކޮންޓްރޯލްކޮށް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި ހުރި މައްސަލަތަކާއި ދަތިތައް އެޗްއީއޯސީއާއި ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އިއްޔެއެކަނިވެސް 1,000 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު, ރާއްޖޭގެ 70 އަށްވުރެ ގިނަ ރަށް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި މާލޭ ސަރަހައްދުގައި ދަނީ ފުރަބަނދު އިއުލާންކޮށް ތަންފީޒު ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި