ރާއްޖެސަރުކާރު

މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވާ، މަޤާމުން އެކަހެރިކޮށްފި

09/06/2021

Admin


ޝެއަރ

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމުގެ ތުހުމަތުކޮށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުޤީޤަށްފަހު، އެމްއެމްޕީއާރސީގެ ފައިސާއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގާފައިވާކަން ހެކިންގެ ހެކިބަހުންނާއި ހޯދާފައިވާ ގަރީނާތަކުން ސާބިތުވާކަމަށް އޭސީސީން ބުންޏެވެ. އަދި މިފައިސާ މަހުލޫފު ނަގާފައި ވަނީ އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައިހުރެ، އޭރު މަޖިލީހުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯނު(އެސްއީޒެޑް)ގެ ބިލް ފާސްކުރުމަށް ވޯޓު ދިނުމަށާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ކަމަށް އޭސީސީން ބުންޏެވެ.

އަދި އޭސީސީން ބުނިގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ 27 އޮގަސްޓް 2014 ގަ އެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރުނުއިރު އޭގައި މަހުލޫފުގެ މުއާމަލާތެއް ވެސް ހިމެނުނެވެ. އެ މައްސަލައިގައި 14 ފެބްރުއަރީ 2019 ގައި އޭނާ މަޤާމުން ސަސްޕެންޑުކުރިއެވެ. ނަމަވެސް މަހްލޫފްގެ މައްސަލައެއް ނެތްކަމަށް ނިންމާ 16 އޭޕްރީލް 2019 ގައި އޭނާގެ ސަސްޕެންޝަން އުވާލިއެވެ.

އޭސީސީއާއި ރިކަވަރީ ކޮމިޝަން އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް ތަހުޤީޤުން ހާމަވިގޮތުގައި އޭރު މަހުލޫފް ހުށަހެޅި ބަޔާންތަކާއި ފައިސާގެ ރަސީދުތަކަކީ ސައްޚަ ނޫން، ތަހުގީގަށް އޮޅުވާލުމަށް ހުށަހަޅާއިވާ ބަޔާންތަކެއް ކަމަށް އޭސީސީން ބުންޏެވެ. އަދި 33،000 ޑޮލަރު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއްކަމަށް ދައްކަން ހުށަހެޅި ލިޔުންތަކުގެ އިތުރުން، އެކަން ބާޔާންކޮށް މުބީން ދީފައިވާ ހެކިބަހަކީވެސް އޮޅުވާލުމަށްދީފައިވާ ބަޔާނެއް ކަމަށް އޭސީސީން ބުންޏެވެ.

މަހުލޫފަށް ދައުވާކޮށް ދިނުމަށްއެދި ޕީޖީގެ އޮފީހަށް ފޮނުވާފައިވާއިރު، ވަކިގޮތެއް ނިމެންދެން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުން ދުރުވުމަށް އަންގަވާފައެވެ.

ހިޔާލު


ގުޅުންހުރި