ރާއްޖެސަރުކާރު

އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް: މަހުލޫފް

10/06/2021

Admin


ޝެއަރ

ފެށުނީއްސުރެވެސް އެމްއެމްޕީއާރސީ މައްސަލައިގަ އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށްކަމަށް މިނިސްޓަރ އޮފް ޔޫތް, ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އޭނާގެ ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ވިދާޅުވީ, ޒާތީކޮށް އޭނާއާ ދޭތެރޭ އަމަލުކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން، އެންމެ އިސްވެރިންނަށް އެނގޭނެ ކަމަށެވެ. އަދި އެކަމުގެ ހަމައެކަނި ބޭނުމަކީ މަގާމުން ވަކިކުރުންކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން އެނާ ވިދާޅުވީ ކޮށްފައިވަނީ ގޯސް ތުހުމަތެއް ކަމަށެވެ. އެގޮތުން އެސްއީޒެޑް ބިލަށް ވޯޓު ދޭން ރިޝްވަތު ނެގިކަމަށް ތުހުމަތުކުރާއިރު, އޭރު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އަދި ވޯޓު ދެއްވީ ޕާޓީން ނެރުނު ތްރީލައިން ވިޕާ އެއްގޮތަށް ކަމަށެވެ.

އޭސީސީއާއި ރިޔާސީ ކޮމިޝަން ގުޅިގެން ކުރި ޖޮއިންޓް ތަހުގީގަށްފަހު އޭނާއަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެކަމަށްވެސް އޭނާ ފާޑު ވިދާޅުވި އެވެ.

‏އޭނާ ވިދާޅުވީ އޭސީސީއަށް ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މިމައްސަލައިގަ ލިބިގެން ނުވާ ކަަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރާއި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް އެނގޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މީގެކުރިން ދައުވާ އުފުލި އެންމެންގެ މައްސަލަތައް ފޮނުވީ ރިޔާސީ ކޮމިޝަނުންކަން މަހުލޫފް ފާހަގަކުރެއްވިއެވެ.

މަހުލޫފާ ދެކޮޅަށް ހޯދާފައިވާ ހެއްކާއި ނަގާފައިވާ ބަޔާންތަކަކީ ރާއްޖެއާއި ލަންކާގެ ޤާނޫނުތަކާ ޚިލާފަށް ހޯދާފައިވާ ތަކެތިކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އެ ހެކިތައް ކޯޓަށް ބަލައި ނުގަންނާނެ ކަމަށެވެ.

"އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހުވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުންވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟" މަހުލޫފް ސުވާލުކުރެއްވިއެވެ.

ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެމްއެމްޕީއާރސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އޭނާ ވަރުބަލިވެއްޖެކަމަށާއި، އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެކަމަށް ވިދާޅުވިއެވެ.

އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުޤީޤަށްފަހު، އެމްއެމްޕީއާރސީގެ ފައިސާއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގާފައިވާކަން ހެކިންގެ ހެކިބަހުންނާއި ހޯދާފައިވާ ގަރީނާތަކުން ސާބިތުވާކަމަށް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރުނުއިރު އޭގައި މަހުލޫފުގެ މުއާމަލާތެއް ވެސް ހިމެނުނެވެ. އެ މައްސަލައިގައި 14 ފެބްރުއަރީ 2019 ގައި އޭނާ މަޤާމުން ސަސްޕެންޑުކުރިއެވެ. ނަމަވެސް މަހްލޫފްގެ މައްސަލައެއް ނެތްކަމަށް ނިންމާ 16 އޭޕްރީލް 2019 ގައި އޭނާގެ ސަސްޕެންޝަން އުވާލިއެވެ.

މަހުލޫފަށް ދައުވާކޮށް ދިނުމަށްއެދި ޕީޖީގެ އޮފީހަށް ފޮނުވާފައިވާއިރު، ވަކިގޮތެއް ނިމެންދެން އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުން ދުރުވުމަށް އަންގަވާފައެވެ. އޭނާގެ މައްޗަށް ދަޢުވާ ކުރުމާމެދު ގޮތެއް އަދި ނުނިންމައެވެ.

ހިޔާލު


ގުޅުންހުރި