ރާއްޖެސަރުކާރު

އަވަސް ޖުރިމަނާކޮށް, ވަގުތު, ވަން އޮންލައިން އަދި އަދަދަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

24/06/2021

Admin

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން


ޝެއަރ

13 އަހަރުގެ ކުޑަކުއްޖާ މަރާލި ޚަބަރު ފެތުރިގޮތުން ނޫހެއް ޖޫރިމަނާކޮށް އިތުރު ތިން ނޫހަކަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ޖުރިމަނާ ކުރީ އަވަސް ނޫހެެއެވެ. އެނޫސް 2,000 ރުފިޔާއިން ޖޫރިމަނާކޮށް މާފަށްއެދި އެކަން އާންމުކުރުމަށްވަނީ އަންގާފައެވެ. މީގެ އިތުރުން ވަގުތު ނޫހާއި ވަން އޮންލައިން އަދި އަދަދު ނޫހުން އެ ޚަބަރު ފަތުރާފައިވާ ގޮތާ ގުޅޭގޮތުން ނަސޭހަތްދީ, އިތުރަށް ކުއްޖާގެ ކަރާމާތް ގެއްލޭ ގޮތަށް ޚަބަރު ފަތުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވަނީ ދީފައެވެ.

މީޑިއާތަކަށް ޖެންޑަރ މިނިސްޓްރީން ފިޔަވަޅުއެޅީ މިދިޔަ އަހަރު އަމަލުކުރަންފެށި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް, ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެން ނުވާނެކަމަށެވެ.

"(ށ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެއެވެ." އެ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވެއެވެ.

މިއީ މިޤާނޫނުގެ ދަށުން މީޑިއާއަށް ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ. ޖެންޑަރ މިނިސްޓްރީން މީޑިއާއަށް ފިޔަވަޅު އެޅުމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްއެމްސީއިން ބުނީ ތަހުޤީޤެއް ނުވަތަ ސުވާލުކުރުމެއްނެތި މީޑިއާއަށް ފިޔަވަޅު އެޅުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގެ ޚަބަރު ބައެއް މީޑިއާތަކުން ފެތުރިއިރު އެ ކުއްޖާގެ ފޮޓޯ އާންމުކޮށް, ކުއްޖާއަކީ ކުށުގެ ރެކޯޑު އޮންނަ ކުއްޖެއަކަމަށް ބުނެ ކުއްޖާ ކުއްވެރިވާކަން ދޭހަވާ ގޮތަށް ޚަބަރު ފަތުރާފައިވެއެވެ.

ހިޔާލު


ގުޅުންހުރި