ރާއްޖެސަރުކާރު

ޝަކުވާތަކަށްފަހު މީޑިއާތަކަށް މާލީ އެހީ ދިނުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް

30/10/2025

ޒައިން ރަޝީދު


ޝެއަރ

ދައުލަތުގެ ބަޖެޓުން ޕްރައިވެޓް މީޑިއާތަކަށް މާލީ އެހީ ދިނުމުގެ މަސައްކަތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްއެމްބީސީ އާ ހަވާލުމިކުރީ މިިނިސްޓްރީ އޮފް ޔޫތް އެންޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އެ މަސައްކަތް ކުރުމަށްފަހު މީޑިއާތަކަށް ލިބޭ ފައިސާ އިއުލާން ކުރުމާއެކު، އެ މަސައްކަތް ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކަށްފަހުގައެވެ.

ޔޫތް މިނިސްޓްރީން ވަނީ 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ލިބޭކަން ބުދަ ދުވަހު އާންމުކޮށްފައެވެ. ނަމަވެސް މީޑިއާތަކުން ވަނީ މިނިސްޓްރީން އެކަން ކޮށްފައިވަނީ އިންސާފުވެރިކޮށް ނޫންކަމަށް ބުނެ ގިނަ ޝަކުވާތައްކޮށްފައެވެ. އެ ޝަކުވާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެކަން އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ޔޫތް މިނިސްޓްރީއަށް އަންގަވާފައެވެ.

ޔޫތް މިނިސްޓްރީން ބުދަ ދުވަހު އާންމުކުރި ލިސްޓަށް ބަލާއިރު، އެންމެ ގިނަ ފައިސާ ލިބެނީ ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދުގެ މަސްލަހަތު އޮންނަ ސަންގު ޓީވީއާއި ސަންގު އޮންލައިނަށެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ވިލާ ޓީވީއަށެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމްގެ ސަން މީޑިއާ ގްރޫޕަށެވެ.

ފައިސާ ލިބޭކަން އާންމުކޮށްފައިވާ ލިސްޓުގައި ގަވާއިދުން ނުނެރޭ ބައެއް ނޫސްތަކާއި، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައްމާން މަސްލަހަތު އޮންނަ ނޫހަކާއި އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމްގެ ދަރިކަލުން މާހިލް މުޙައްމަދު ޝަހީމްއާއި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އަހުސަން ހިންގާ ޓްރެވެލް ވެބްސައިޓެއްވެސް ހިމެނެއެވެ.

ޝަކުވާތަކަށްފަހު މިނިސްޓްރީން ކުރި ހުރިހާ މަސައްކަތަކާއި އިއުލާންތައް ބާތިލްކުރުމަށްފަހު، ބުރާސްފަތި ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަންކަމާއެކު ކުރެވޭނީ އެ ކޮމިޝަނަށް ކަމަށް އެވުޒާރާއިން ދެކޭ ކަމަށެވެ. އެހެންކަމުން ފައިސާ ދޭ އުސޫލާ ގުޅިގެން މިނިސްޓްރީން ކުރި ހުރިހާ އިއުލާނުތައް ބާތިލުކޮށް، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެކޮމިޝަނާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައެޅިއެވެ. އެއީ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ.

ހިޔާލު


ގުޅުންހުރި