ރާއްޖެސަރުކާރު

ހަމަލާ ދޭނެކަމުގެ އިންޒާރާއެކު އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

02/07/2021

Admin


ޝެއަރ

ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދީފައިވާތީ, އެ ދެ އިމާރާތުގެ ސަލާމަތީކަން ވަރުގަދަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރު ބަޔާނެއްގައި ބުނީ, ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން ފޮރިން މިނިސްޓްރީގައި އެދިފައިވާތީ, ސަލާމަތީ ބާރުތަކުން އެ ދެ އިމާރާތާ ގުޅޭ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

"ދޭދޭ ޤައުމުތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ހަގީގަތެެއް ނެތް ވާހަކަތަކާއި ދިވެހިރާއްޖޭގައި ހުންނަ ބައެއް ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންނާ ގުޅޭގޮތުން ދިޔަރެސް ނޫހުން ކޮށްފައިވާ ޓްވީޓުތަކުގެ ސަބަބުން، ދިވެހިރާއްޖޭގައި ހުރި ޗައިނާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރާނެ ކަމަށާއި އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ސޯޝަލް މީޑިއާގައި ދައުރުވެފައިވާތީ، އެ ދެ އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ދެ މިޝަނުން ވަނީ މި މިނިސްޓްރީގައި އެދިފައެވެ." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި، ރާއްޖޭގައި ހުންނަ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ޤައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވެ، ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމެއްކަމަށެވެ.

މީގެ އިތުރުން ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުޞަތުތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961 ގެ ދަށުން ދިވެހި ދައުލަތުގެ ޒިންމާއެއްކަން ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ ބަޔާނުގައި ބުނީ ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޤައުމުތަކާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށާއި، ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ގޮތްތަކަށް ހަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ.

ހިޔާލު


ގުޅުންހުރި