ވިޔަފާރި

ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކޮށްފި

17/07/2021

Admin


ޝެއަރ

ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލްގެ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބޭ އަދަދު ދަށްކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް އިން 16 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބީއެމްއެލްގެ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު 250 ޑޮލަރަށް ދަށްކުރިއެވެ. އެފަހަރު ގެނައި ބަދަލުގެ ދަށުން ބީއެމްއެލްގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ކުރާ މުއާމަލާތްތައްވެސް ލިމިޓްކުރިއެވެ.

މިއަދު ބޭއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ އަދަދު 500 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ. މި އަދަދު ކަނޑައަޅާފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތައްކަމަށް ބޭންކުން ބުނެއެވެ. ނަމަވެސް ޑެބިޓް ކާޑުން އަދިވެސް މުއާމަލާތް ކުރެވޭނީ މިހާރުވެސް ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓަށެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު ލިމިޓް ކުރުމުން ބީއެމްއެލްއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި ކްރެޑިޓް ކާޑު ލިމިޓް ކުރިނަމަވެސް ކާޑުގެ އަހަރީ ފީއަށް އެއްވެސް ބަދަލެއް ނުގެންނާތީ, ކާޑަށް ދައްކާ އަހަރީ ފީ ކުޑަކުރުމަށްވެސް ރައްޔިތުން ސޯޝަލް މީޑިއާގައި އެދެމުންދިޔައެވެ. ނަމަވެސް ބީއެމްއެލްއިން ކާޑުގެ އަހަރީ ފީއަށް ބަދަލެއް ނުގެންނައިރު, ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމުގައިވެސް އެއްވެސް ވަރަކަށް ލުއި ދޭފައެއްނުވެއެވެ.

ހިޔާލު


ގުޅުންހުރި