ރާއްޖެސަރުކާރު
އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބީއެމްއެލްއަށް ވިއްކާލުމަށް ސަރުކާރުން ނިންމައިފި
20/07/2025
ޒައިން ރަޝީދު
ޝެއަރ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، އެސްޑީއެފްސީގެ ޙިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރެއްވުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމުން، އެ ބޭންކުގެ މާލީ ޤާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެކަމަށް ސަރުކާރުން ހާމަކުރެއްވިއެވެ.
އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ހުށަހަޅާ، އަދި ބިޒްނަސް ސްޓަރޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ނިންމަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެސްޑީއެފްސީ ގަތުމަށްފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސްޑީއެފްސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށެވެ. އަދި މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ހިޔާލު
ގުޅުންހުރި