ރާއްޖެ

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ މަސައްކަތަށް އިނގިރޭސި ރާނީގެ ތައުރީފް

17/07/2021

Admin


ޝެއަރ

ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވިމެން އެންޑް ޑިމޮކްރަސީން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އިނގިރޭސި ރާނީ އެލިޒަބަތް ތައުރީފް ކުރައްވައިފިއެވެ.

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ މަސައްކަތަށް ރާނީ ތައުރީފް ކުރެއްވީ އެ ޖަމިއްޔާގެ ރައީސް ސަފާތު އަހްމަދުއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުކޮށްލެވުމުގައި ޖަމިއްޔާގެ ފައުންޑަރ އަދި ރައީސް ސަފާތު ވަނީ އެ ޖަމިއްޔާއިން އަންހެނުން ބާރުވެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ޚާއްސަކޮށް ކޮވިޑްގެ ހާލަތުގައި އެހީތެރިކަން ބޭނުންވި އަންހެނުންނަށް އެހީވުމަށް ހޮޓްލައިންއެއް ގާއިމްކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުގެ ތަފުސީލް ރާނީއަށް އަރުވާފައެވެ. އެވާހަކަތައް އަޑު އެއްސެވުމަށްފަހު ރާނީ ވަނީ މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާފައެވެ.

ރާނީގެ ބައްދަލުވުމާ ގުޅޭ މައުލޫމާތާއި ފޮޓޯ, އިނގިރޭސި ޝާހީ އާއިލާގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ ޓުވީޓް ކޮށްފައެވެ. އަދި ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރާނީ ސަފާތުއާ މަޝްވަރާ ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވިކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ސަފާތުއަކީ އިނގިރޭސި ރާނީ ދެއްވާ ކުއީންސް ޔަންގް ލީޑަރސް އެވޯޑު ހާސިލްކުރި ފަރާތެއްކަން ފާހަގަކޮށް, ރާނީ ސަފާތުއަށް އިނާމް ހަވާލުކޮށްދެއްވި ފޮޓޯ ޓުވީޓްކޮށްފައެވެ.

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއަކީ އިނގިރޭސި ރާނީ ހިންގަވާ ކުއީންސް ކޮމަންވެލްތް ޓްރަސްޓް ފަންޑުން އެހީތެރިކަން ލިބިގެން ހިންގާ އަމިއްލަ ޖަމިއްޔާއެެކެވެ. 2016 ވަނަ އަހަރު އުފެއްދި މި ޖަމިއްޔާއިން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ ރާއްޖޭގެ އަންހެނުން ސިޔާސީ, އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ބާރުވެރިކޮށް, އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށެވެ. އެގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިިނުމުގެ މަސައްކަތް އެ ޖަމިއްޔާއިން ދަަނީ ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި