ރާއްޖެ

އަންހެނުން ބާރުވެރިކުރަން, އެމީހުންނަށް އިންސާފު ހޯދައިދޭން ޖެހޭ

21/07/2021

Admin

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރ ޝަފާތު އަހުމަދު ޒާހިރު


ޝެއަރ

އަންހެނުންގެ ހައްޤުތައް ކަށަވަރުކޮށް, އެމީހުން ބާރުވެރިކުރުވުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ އަންހެނުންގެ އަޑު އަހާ އެމީހުންނަށް އިންސާފު ހޯދައިދިނުން ކަމަށް ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއިން ބުނެފިއެވެ.

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރ ޝަފާތު އަހުމަދު ޒާހިރު 'ސުކުން' އަށް ދެއްވި ހާއްސަ އިންޓައިވުއެއްގައި ވިދާޅުވީ, އަންހެނުން އެމީހުންނަށް ދިމާވެފައިވާ ކަންކަމުގެ ވާހަކަ ސޯޝަލް މީޑީއާގައި ހާމަކުރަމުންދާއިރު, އެ ވާހަކަތައް އަޑުއަހާ އެމީހުންނަށް އިންސާފު ހޯދައިދޭން ޖެހޭކަމަށެވެ. އަންހެނުން ބާރުވެރިކޮށް, އެމީހުންގެ ބައިވެރިވުން އެކި ދާއިރާތަކުން ބޭނުންވާނަމަ އިންސާފު ހޯދައިދިނުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ މުހިއްމު ކަމެއް ކަމަށް ވިމެން އެންޑް ޑިމޮކްރަސީން ފާހަގަކުރެއެވެ.

"އިންސާފު ހޯދައިދިނުމަކީ ވަަަރަށް މުހިއްމު އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަން. ވަރަށް ގިނަ ކޭސްތައް, މިސާލަކަށް އަޅުގަނޑުމެން މެދުވެރިކޮށް ދާ ކޭސްތަކުގައިވެސް 'ލެކް އޮފް އެވިޑެންސް' ނުވަތަ ހެކިނެތިމުގެ ސަބަބުންވެސް, އެކޭސްތައް ކުރިއަކަށް ނުދޭ. އެ ކޭސްތަކުގައިވެސް އަންހެނުންނަކަށް އިންސާފެއް ނުލިބޭ" ޝަފާތު ވިދާޅުވިއެވެ.

އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއިން ހޭލުންތެރިކުރުމަށާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ގިނަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. މި ޖަމިއްޔާއިން ކޮވިޑް-19 ބަލި މަޑުކަމުގެ ތެރޭގައި އަންހެނުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހޮޓްލައިނެއް ގާއިމްކޮށް, ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ.

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ މަސައްކަތައް ދާދި ފަހުން އިނގިރޭސި ރާނީ އެލިޒަބަތް ވެސް ވަނީ ތަޢުރީފު ކުރައްވާފައެވެ. ޖަމިއްޔާގެ ފައުންޑަރ ޝަފާތު އަހުމަދު ޒާހިރުއާ އެކު ބޭއްވެވި ވަރޗުއަލް ބައްދަލުވުމެއްގައި ރާނީ ވަނީ ޖަމިއްޔާގެ މަސައްކަތް ފާހަގަކުރައްވާ, މަސައްކަތުގައި ކުރިއަށްދިއުމަށް ހިތްވަރުދެއްވާފައެވެ.

ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާއަކީ ކޮމަންވެލްތް ޓްރަސްޓް ފަންޑުގެ އެހީއާއެކު 2016 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. މައިގަނޑު ގޮތެއްގައި އަންހެނުން ބާރުވެރިކޮށް, ސިޔާސީ އަދި އިގްތިސާދީ ގޮތުން އަންހެންގެ ބައިވެރިވުން އިތުރު ކުރުމަށް މި ޖަމިއްޔާއިން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި