ރާއްޖެސަރުކާރު

އާޒިމް ރައީސްގެ އަރިހަށް, މަޝްވަރާ ކުރީ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭ ގޮތުން

26/07/2021

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރ އަލީ އާޒިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއާ ބައްދަލުކުރައްވައިފިއެވެ.

މިރޭ މުލިއާގޭގައި ބޭއްވެވި މި ބައްދަލުވުމާ ގުޅޭގޮތުން އާޒިމް ކުރެއްވި ކުޓީޓެއްގައި ވިދާޅުވީ ރައީސްއާ ބައްދަލުކޮށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ. ބައްދަލުވުން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ސަރުކާރާއި މުއައްސަސާތަކާ ދެމެދު އޮތް ގުޅުން ވަރުގަދަވުމަށް އުއްމީދު ކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް މުލިއާގެއަށް ވަޑައިގެން ރައީސް ސާލިހާ ބައްދަލުކުރެއްވިއިރު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރުގެ ޓެރަރިސްޓުން ހައްޔަރުކުރުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ރޭ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރާ ދެކޮޅު ހައްދަވާ އެ ގަރާރަށް އާޒިމް ވޯޓެއްވެސް ނުދެއްވައެވެ.

ކުއްލި ނުރައްކާ އިއުލާން ކުރުމަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށާއި ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުން އެބާރަށް އަރައިގަނެވޭ ކަމަށް ދޭހަވާ ގޮތަށް ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ 180 ވަނަ ޖަލްސާގައި އާޒިމް ވަނީ ވާހަކަ ދައްކަވާފައެވެ.

"ކުއްލި ކުރައްކާ އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރެއް. އެ ބާރަށް އަރައި ނުގަތުމަށް އަޅުގަނޑު އެދޭތީ މި ދަންނަވަނީ ކުއްލި ނުރައްކަލުގެ ބައި އުނިކޮށްފަ ގަރާރު ފާސްކުރުމަށް އަޅުގަނޑު ހުށަހެޅި ހުށަހެޅުމަށްވެސް ވޯޓަށް އަހާށޭ" އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް ކަންކަމާ މެދު ހިތްހަަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު މަސައްކަތް ކުރެވެން ނެތްކަން ހާމަކުރައްވާފައެވެ. ހާއްސަކޮށް ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތައް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެ, ކެރިގެން ޓެރަރިސްޓުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ސަރުކާރަށް ކަންކަން ކުރަން ނުކެރެނީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޕްރެޝަރަށްކަމަށް ވިދާޅުވެ އެޕާޓީން ބުނާ ގޮތަށް ނަހަދާ, އެމްޑީޕީގެ އަސާސްތަކާ އެއްގޮތަށް ކަންކަން ނިންމެވުމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ގޮވާލައްވާފައެވެ.

ހިޔާލު


ގުޅުންހުރި