ރާއްޖެ

ނައިބު ރައީސް ހިރިލަންދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

16/08/2021

ޢަލީ ޝާމިލް ޙަސަން

ނައިބު ރައީސް ހިރިލަންދޫ ކައުންސިލަރުންނާ ބައްދަލު ކުރެއްވުން


ޝެއަރ

ނައިބު ރައީސް ފައިސަލް ނަސީމް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލަރުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ހިރިލަންދޫގެ ކައުސިލަރުން ވަނީ، އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސާއި ޙިއްސާ ކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ހިރިލަންދޫގެ ބޭންކިންގްގެ ދަތިކަމަށް އަވަސް ޙައްލެއް ހޯއްދަވާދެއްވައި، މިދިޔަ ހަފްތާގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް އެއް ބަހައްޓަވާދެއްވާފައިވާތީ، އެކަމުގެ ސަބަބުން ހިރިލަންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ފާހަގަ ކުރައްވައި، ހިރިލަންދޫގެ ރައްިޔތުންގެ ނަމުގައި ނައިބު ރައީސަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައިވެއެވެ.

ހިރިލަންދޫ ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އެ ރަށުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. އެގޮތުން އެމްޓީސީސީން އެ ރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބިން ހިއްކުމާއި، ފެނާ ނަރުދަމާގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތި ޙިއްސާކޮށްދެއްވުމަށް ކައުންސިލަރުން އެދިލެއްވިއެވެ. މީގެ އިތުރުން ހިރިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ޙިއްސާ ކުރެއްވިއެވެ. އެގޮތުން ޞިއްޙީ ފެންވަރު ރަނގަޅުކުރުމާއި، ފަސޭހައިން ބޭސް ލިބޭނޭ އިންތިޒާމެއް ހަމަޖެހުމުގެ އިތުރުން ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި، އަދި ރައްޔިތުންނަށް އާމްދަނީ އިތުރު ކުރުމަށް އޮތް ގޮންޖެހުންތަކުގެ ވާހަކަ ޙިއްސާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ހިރިލަންދޫގެ ތަރައްޤީއަށް ރޭވިފައިހުރި މަޝްރޫޢުތަކުގެ ތަފްސީލު، ކައުންސިލަރުންނާ ޙިއްސާ ކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢާއި، ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ވީވަރަކުން ހަލުވި ކޮށްދެއްވަން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހިރިލަންދޫގައި ފެނަކައިން ބަހައްޓާފައިވާ އައު އިންޖީނާއި، އިރުގެ ހަކަތަ ބޭނުންކޮށްގެން އެރަށުގައި ކަރަންޓު އުފެއްދުމަށް ހިންގަން ނިންމާފައިވާ ސޯލާ އައޕީވީ ޕްރިޖެކްޓްގެ އެންމެ ފަހުގެ މަޢުލޫމާތާއި، އެރަށުގައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާގެ އިތުރުން، އިދާރީ ދާއިރާޓައް ލާމަރުކަޒު ކުރުމާބެހޭ ގޮތުން ކައުންސިލަރުންނާ މަޢުލޫމާތު ޙިއްސާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ހިރިލަންދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ކައުންސިލުން އެދިވަޑައިގަތް ކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހިޔާލު


ގުޅުންހުރި