ރާއްޖެސަރުކާރު

"އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް އިފްތިތާޙުކޮށްފި

29/08/2021

ޒައިން ރަޝީދު


ޝެއަރ

ނައިބު ރައީސް ފައިޞަލް ނަސީމް "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް ނެރެދެއްވައިފިއެވެ.

މި ފޮތް ނެރެދެއްވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން އަދި ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދިންނަށްވެސް ކިޔެވޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވެވިއެވެ. އަދި އެކަމަށްޓަކައި މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރައްރަށަށް އަމާޒުކޮށްގެން ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކުންވެސް މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ސަރުކާރުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމުކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދަވާކަމުގައި ވިދާޅުވެފައެވެ. އަދި މި ސެންޓަރުގެވެސް އަމާޒަކީ އެ ދާއިރާއިން ބޭނުންޖެހިފައިތިބި ކުދިންނަށް އިތުރު ތަމްރީނާއި ފަރުވާއާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދު ނެރެދެއްވި ފޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ފޮތަކީ ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އަގުހުރި ހަދިޔާއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މި ފޮތުގެ ސަބަބުން ލިބިގެންދާނެ ގިނަގުނަ ފައިދާގެ މައްޗަށްވެސް މިއަދުގެ ވާހަކަފުޅުގައި އެމަނިކުފާނު އަލިއަޅުއްވާލެއްވެވިއެވެ. ހަމައެއާއެކު މި ފޮތް ތައްޔާރުކުރައްވައި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

'އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން' އަތްމަތީ ފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެގޮތާއި، އެކުދިންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖްކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. މި ފޮތް ތައްޔާރުކޮށްފައިވަނީ އޯޓިޒަމް އެސޯސިއޭޝަންއަށް ދާ ކުދިން ގެންގުޅުމުގައި އެއްކޮށްފައިވާ މަޢުލޫމާތުގެ އަލީގައެވެ. އަދި މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުންކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ އޯޓިޒަމް އެސޯސިއޭޝަންގައި ހިމެނޭ ބައެއްތަންތައް ބައްލަވާލައްވާފައެވެ.

ހިޔާލު


ގުޅުންހުރި