ވިޔަފާރި

މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ޕައިލެޓުންތަކެއް ވަޒީފާއިން ވަކިވާން ހުށަހަޅައިފި

09/09/2021

ޒައިން ރަޝީދު


ޝެއަރ

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ޕައިލެޓުންތަކެއް ވަޒީފާއިން ވަކިވުމަށް ހުށަހަޅައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ވަކިވާން ހުށަހެޅީ މޯލްޑިވިއަންގެ ސްޕްލޭންގައި މަސައްކަތް ކުރާ 7 ޕައިލެޓުންނެވެ. އަދި އެމީހުން ވަކިވާން އެދި ހުށަހެޅީ މުސާރައާއި އިނާޔަތްތަކާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުގެ މުސާރަ ކުޑަކުރިއިރު އައިލޭންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ވަނީ 50 އިންސަައްތަ ކުޑަކޮށްފައެވެ. އަދި ކޮވިޑްގެ ހާލަތައް ފަހު، ގިނަ ކުންފުނިތަކުގެ މުސާރާ އަލުން އިޔާދަކޮށްފައިވާއިރު އައިލޭންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރާ އަދިވެސް އިޔާދަކޮށްފައެއް ނުވެއެވެ.

މުސާރަ ކުޑަވެފައި މަސައްކަތް ކުރަންޖެހޭ ވަގުތު އިތުރުވުމުގެ ޝަކުވާތައް މީގެ ކުރިންވެސް އައިލޭންޑް އޭވިއޭޝަންގެ މުވައްޒަފުން ވަނީ އުފުލާފައެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ބައެއް މުވައްޒަފުން ބުނެއެވެ.

ޕައިލެޓުންތަކެއް އެއްފަހަރާ ވަޒީފާއިން ވަކިވާން އެދި ހުށަހަޅާފައިވާއިރު، ކުންފުނީގެ މެނޭޖުމަންޓުން މިރޭ މުވައްޒަފުންނާ ބައްދަލުކުރުމަށް ވަނީ ރާވަފާއެވެ. އަދި ވަރަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުރިން ހުރި މިންވަރަށް އިޔާދަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތަފުސީލު އަންނަ ހަފުތާގެ ތެރޭގައި މުވައްޒަފުންނާ ހިއްސާކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އައިލޭންޑް އޭވިއޭޝަން މިހާރުވެސް ހިންގަނީ ގެއްލުމުގައެވެ. ނަމަވެސް ގައުމީ އެއަރލައިނެއް އޮތުން މުހިއްމު ކަމަށް ސަރުކާރަށް ފެންނާތީ އެކުންފުނި ރަގަނޅުކޮށް، ބޭރުގެ އުދުހުންތަކުން ފައިދާ ވާނެ ފަދަގޮތަކަށް ކުންފުނި ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގެ ދަށުން ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ ހެދުމުގެ މަޝްވަރާތައްވެސް ދަނީ ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި