ރާއްޖެސަރުކާރު

ޝާހިދުގެ ދަތުރުފުޅު އޮކްޓޯބަރު 6 އަށް ފަސްކޮށްފި

30/09/2021

ޒައިން ރަޝީދު

އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދު


ޝެއަރ

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު އަންނަ އޮކްޓޯބަރު 6 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އދގެ އާންމު މަޖިލީހުގެ76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ ވަޑައިގަންނަވަން ކުރިން ހަމަޖެހިފައި އޮތީ މިއަދުއެވެ. ނަމަވެސް މިހާރު ދަތުރުފުޅު އޮކްޓޯބަރު 6 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އެރުވިއެވެ.

ޝާހިދުގެ ދަތުރުފުޅާ ގުޅޭގޮތުން ރަސްމީކޮށް ފޮރިން މިނިސްޓްރީން އަދި މައުލޫމާތު ހާމަކޮށްފައި ނުވިޔަސް، ފޮރިން މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވީ ޝާހިދުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އަރިހަށް ވަޑައިގެން އެބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތީ މިދިޔަ އޯގަސްޓު މަހުގައެވެ. އަދި އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ މުހިއްމު ހުރިހާ ބައްދަލުވުމެއްވަނީ ބާއްވާ ނިމިފައެވެ. 76 ވަނަ ސެޝަންގެ ރިޔާސަތު ޝާހިދު ބަލަހައްޓަވާނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ޝާހިދު ބަލެހެއްޓެވި ނަމަވެސް، ޝާހިދަކީ އަދިވެސް ރާއްޖޭގެ ފޮރިން މިނިސްޓަރެވެ. އެހެން ކަމުން މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އެހެން ހައިސިއްޔަތަކުން ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މިކަމާ ގުޅޭގޮތުން އާންމުންދަނީ ސޯޝަލް މީޑިއާގައި ހަޖޫޖަހަމުންނެވެ.

ހިޔާލު


ފ.ބެ14:14 2021/09/30

ދެން މިއަށްވުރެ ބޮޑު ޖޯކެއް ކޮބާ........

ގުޅުންހުރި