ރާއްޖެސަރުކާރު

މުއާޒު އަނެއްކާވެސް އެންސީއޭގެ ސިޔާސީ މަގާމަކަށް

14/10/2021

ޒައިން ރަޝީދު


ޝެއަރ

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސް (އެންސީއޭ)ގެ ސިޔާސީ މަގާމަކަށް ފިލްމީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ޢަބްދުالله މުއާޒު އަނެއްކާވެސް އައްޔަނުކޮށްފިއެވެ.

އެންސީއޭގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް މުއާޒު އައްޔަނު ކުރީ މީގެ ދެދުވަސް ކުރިންނެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރިކަން މިނިސްޓްރީގެ ބޭފުޅަކުވަނީ ޔަގީންކޮށް ދެއްވާފައެވެ.

ބައެއް ފިލްމުތަކާއި ލަވަތަކުގައި ހަރަކާތްތެރިވެފައިވާ މުއާޒު މީގެ ކުރިންވެސް އެމަގާމު އަދާކުރިއެވެ. ފުރަތަމަ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އޭނާ އެ މަގާމަށް އައްޔަނުކުރި ނަމަވެސް ފަހުންވަނީ މަޤާމުން ވަކިކޮށްފައެވެ. ދެ ވަނަ ފަހަރަކަށް 2017 ވަނަ އަހަރު އަނެއްކާވެސް އެ މަގާމު ރައީސް ޔާމީންގެ ސަރުކާރުން ދިނުމަށްފަހު 2018 ވަނަ އަހަރު މަގާމުން ދެ ވަނަ ފަހަރަށް ވަކިކުރިއެވެ.

މުއާޒުއަށް މި ފަހަރު މަގާމު ދިނީ ސިޔާސީ ކޮން ޕާޓީއެއްގެ ސްލޮޓެއްގައި ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އޭނާ މަގާމުން ވަކިކުރުމުން, އޭގެ ފަހުން އެމްއާރްއެމްއާއި ޖުމްހޫރީ ޕާޓީގެ ސިޔާސީ ބައެއް ހަރަކާތްތަކުން ފެނިފައިވެއެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްއާރއެމްއާއެކު މަސައްކަތް ކުރިކަން އެނގިފައިވެއެވެ.

ސޯޝަލް މީޑިއާގައި ސަރުކާރަށާއި ބައެއް ސީޔާސީ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ މުއާޒު މަގާމަށް އައްޔަންކުރުމާއެކު ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތައުރީފުކޮށް ވަނީ ޓުވީޓުކުރަން ފަށާފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބްރާހީމް މުހައްމަދު ސާލިހްކަން ޔަޤީންވެއްޖެ ކަމަށް ބުނެ, އެމްޑީޕީއަށްވެސް އޭނާ ފާޑުކިޔާފައިވެއެވެ.

މުއާޒު މަގާމަށް އައްޔަނު ކުރުމާ ގުޅިގެން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އެމްޑީޕީގެ ފިކުރާ ދެކޮޅު އެޕާޓީއަށާއި ޕާޓީގެ ރައީސަށް ފާޅުގައި ފާޑުކިޔާ މީހަކު ސަރުކާރުގެ ސިޔާސީ މަގާމަށް އައްޔަނުކުރުން ގަބޫލުނުކުރެވޭ ކަމަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި މީހުން ބުނެފައިވެއެވެ.

އެގްޒެކެޓިވް ޑިރެކްޓަރ ފެންވަރުގެ މަގާމުގައި ތިބޭ މީހުންނަށް މަހަކު 25،000ރ. މުސާރައެއް ލިބެއެވެ. އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެކި ތަންތަނުގައި ސިޔާސީ 21 ބޭފުޅުން މިހާރުވެސް މަސައްކަތް ކުރެއެވެ.

ހިޔާލު


ގުޅުންހުރި