ރާއްޖެސަރުކާރު

ހޯމް މިނިސްޓްރީއަށް އިތުރު 3 ޑެޕިއުޓީ މިނިސްޓަރުން, ހޯމް މިނިސްޓްރީގައި އެކަނިވެސް 14 ޑެޕިއުޓީން

29/12/2023

ޒައިން ރަޝީދު


ޝެއަރ

ހޯމް މިނިސްޓްރީއަށް އިތުރު 3 ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކުރުމާއެކު އެ މިނިސްޓްރީގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 14 އަށް އަރައިިފިއެވެ.

14 ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގައި 3 ސްޓޭޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ 4 ބޭފުޅުން އެބަތިއްބެވިއެވެ. ސްޓޭޓް މިނިސްޓަރުން ފެންވަރުގައި އައްޔަނުކޮށްފައިވަނީ އިމިގްރޭޝަނާއި ކަސްޓަމްސްއާއި ޕްރިޒަން އަދި ފުލުހުންގެ ވެރިންނެވެ.

ހޯމް މިނިސްޓްރީގެ އިތުރުން ދެން އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށެވެ. އެ މިނިސްޓްރީއަށް 9 ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކޮށްފައިވެއެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށް 1 ސްޓޭޓް މިނިސްޓަރުންވެސް އައްޔަނުކޮށްފައިވެއެވެ.

ތިން ވަނަ އަށް އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަނަށެވެ. ޓޫރިޒަމް މިނިސްޓްރީއަށް 8 ޑެޕިއުޓީ މިނިސްޓަރުންނާއި 1 ސްޓޭޓް މިނިސްޓަރަކު އައްޔަނުކޮށްފައިވެއެވެ. އަދި ސްޕޯޓްސް މިނިސްޓްރީއަށް 8 ޑެޕިއުޓީ މިނިސްޓަރުންނާއި 3 ސްޓޭޓް މިނިސްޓަރުން މިހާތަނަށް އައްޔަނުކޮށްފައިއެވެ.

ސްޓޭޓް މިނިސްޓަރުން އެންމެ ގިނައީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގައެވެ. އެ މިނިސްޓްރީއަށް މިހާތަނަށް 7 ސްޓޭޓް މިނިސްޓަރުން އައްޔަނުކޮށްފައިވެއެވެ.

ވުޒާރާތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ވަޒީރުންނާއި ވަޒީރުންގެ ނައިބު ފެންވަރުގައި ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އައްޔަނުކޮށްފައެވެ. ރައީސް އޮފީހުގައި ވަޒީރު ފެންވަރުގެ 13 ބޭފުޅުން އެބަތިއްބެވިއެވެ. އަދި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ 7 ބޭފުޅުންނާއި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ 8 ބޭފުޅުން އައްޔަނުކޮށްފައިވެއެވެ.

މިހާތަނަށް ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގައި 80 ބޭފުޅުން އެބަތިއްބެވިއެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގައި 143 ބޭފުޅުން އައްޔަނުކޮށްފައިވެއެވެ. އަދި މި މަޤާމްތަކަށް އައްޔަނުކުރި ބޭފުޅުންގެ ވަނަވަރާއި އެ ބޭފުޅުންގެ ތައުލީމީ ފެންވަރު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވަނީ ހަމައެކަނި ނަމާއި އެމީހުން ފޮޓޯއެވެ.

ހިޔާލު


ގުޅުންހުރި