ރާއްޖެސަރުކާރު

ޕްރައިވެޓް ޕްރެކްޓިސް ކުރާ ކަމަށް ބުނެ ޑރ. ސޯލިހަށް ފާޑުކިޔަނީ

19/10/2021

ޒައިން ރަޝީދު

ޑރ. މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް


ޝެއަރ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. މުޙައްމަދު ސާލިހް އަމިއްލަ ކްލިނިކު ތަކުގައި ބަލިމީހުން ބައްލަވާތީ އައްޑޫ ރައްޔިތުން ފާޑުކިޔަން ފަށައިފިއެވެ.

ޑރ. ސާލިހު ވަނީ މާލޭގައި ހުންނަ މެޑިކެއަރ ކްލިނިކުގައި ބަލިމީހުން ބައްލަވާފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ވަޒީރެއްގެ ނައިބު ފެންވަރުގެ މަގާމެއްދީ ނޮން ޕްރެކްޓިސް އެލަވެންސްއާއި އިތުރު އެލަވެންސް ސަރުކާރުން ދެމުންދާއިރު ހޮސްޕިޓަލުގެ ހިދުމަތަށް ހުރިހާ ވަގުތެއް ހުސްކުރުމުގެ ބަދަލުގައި އަމިއްލަ ކްލިނިކުތަކުގައި ބަލި މީހުން ބެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ޝަކުވާ ކުރާ މީހުން ބުނަމުންދަނީ އައްޑޫ ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅު ނޫންކަމާއި އެކަންކަން ހައްލުކުރުމަށް ސާލިހު މަސައްކަތް ނުކުރައްވާކަމުގެ ތުހުމަތުކޮށްފައެވެ.

ޑރ. ސާލިހުއަށް ފާޑުކިޔަމުންދާ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނެއެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ ޑރ. ސާލިހު އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. އަދި މުވައްޒަފުން ގެންގުޅެން ދަންނަ ތަޖުރިބާ ހުރި ބޭފުޅަކު އަވަހަށް އައްޔަނު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

"ރައްޔިތުން އެދެނީ އަވަސް ބަދަލަކަށް. އައްޑޫ އީކިއުޓޯރިއަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރަން ބޭނުން ނަމަ މީހުންނާ ގުޅޭ، މުވައްޒަފުން ގެންގުޅެން ދަންނަ، ކަމުގެ ތަޖުރިބާ ހުރި މީހަކު އަވަހަށް އެޕޮއިންޓު ކުރަންޖެހޭ. ކިބުރުވެރިކަމާއި ބޮޑާކަމަކީ މީހާގެ ހަލާކު" ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލް


މިކަމާ ގުޅޭގޮތުން ޑރ. ސާލިހުގެ ބަހެއް ހޯދުމަށް 'ސުކުން' އިން ގުޅާލުމުން ސާލިހު ވިދާޅުވީ އެއީ އިންޓަވިއު ދޭންޖެހޭ ވަރުގެ ކަމެއްކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި އެކަމާބެހޭ ގޮތުން ރައްދުދޭން ބޭނުންނުވާކަމަށެވެ. ނަމަވެސް އޭނާ ވަނީ ކްލިނިކުތަކުގައި ބަލި މީހުން ބައްލަވާކަން ދޮގުކުރައްވާފައެވެ.

"އަޅުގަނޑު މެޑިކާގައި ޕްރެކްޓިސްއެއް ކުރަމަކުންއެއް ނުއެއްދަން. އަޅުގަނޑު ނީންނާނެ މެޑިކާގެ ޕްރެކްޓިސް ކޮށްފަކާ އަޅުގަނޑު މިތާނގަ ހުރެގެނެއް. އަޅުގަނޑު 4 ދުވަހަކަށް ޗުއްޓީއެއްގައި ދިޔަ އިރެއްގައި ހަމައެކަނި ކޮށްފަ އިންނާނީ" ޑރ. ސާލިހު ވިދާޅުވިއެވެ.

މެޑިކާ ކްލިނިކަކީ ކުރިން ސާލިހުގެ ހިއްސާ އޮންނަ އަދި ކްލިނިކު އުފެއްދުމުގައި ސާލިހު އުޅުއްވި ކްލިނިކެކެވެ. މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ ޑރ. ސާލިހު މެޑިކާ ކްލިނިކުގައި ބަލިމީހުން ބެއްލެވީ އޭނާގެ އަހަރީ ޗުއްޓީގައި މާލޭގައި ހުންނެވި ދުވަސްތަކުގައެވެ. އަދި އައްޑޫ ހޮސްޕިޓަލުގެ އެހެން ޑޮކްޓަރުންވެސް ކްލިނިކު ތަކުގައި މަސައްކަތް ކުރާކަން އޭނާ ފަހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އުފައްދަވާ ވަޒީރުންގެ ނައިބު ފެންވަރުގައި ޑރ. ސާލިހް މަގާމަށް އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި އެމަގާމު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޗިޓު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއީ ސައްހަ ޗިޓެއްތޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނާ ސުވާލުކުރުމުން ޖަވާބެއް ނުދެއްވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާޒީފާގެ ޗިޓުގައިވާ ގޮތުން ޗީފް އެގްޒެކެޓިވް އޮފިސަރަށް މުސާރައިގެ ގޮތުގައި 50،000 ރުފިޔާ ލިބޭއިރު ސީނިއަރ ކޮންސަލްޓެންޓް އެލަވެންސްގެ ގޮތުގައި 45،000 ރުފިޔާ ލިބެއެވެ. އަދި ލިވިންގ އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާއެކު މުޅި ޖުމުލަ 110،000 ރުފިޔާ ޑރ. ސާލިހުއަށް ސާރުކާރުން ދެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށްވުރެވެސް ބޮޑު އަދަދެކެވެ.

ހިޔާލު


ގުޅުންހުރި