ރާއްޖެސަރުކާރު

މިދުހަތު ޕީއެސްއެމްގެ ބޯޑުން ވަކިކޮށްފި, އަސްލު ވީ ކިހިނެތް!

02/12/2021

ޒައިން ރަޝީދު


ޝެއަރ

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑު މެންބަރު އަލީ މިދުހަތު މަގާމުން ވަކިކޮށްފިއެވެ.

މިދުހަތު މަގާމުން ވަކިކުރިކަން ޕްރައިވެޓައިޒޭޝަން ބޯޑުން އޭނާއަށް އަންގާފައިވާއިރު, އޭނާ ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޭނާ ހާޒިރުކޮށް ބޯޑުގައި ވޯޓު ދީފައިވާގޮތާއި ބޯޑުގެ ނިންމުންތަކަށް އޭނާ ތާއީދުކޮށްފައިވާ ގޮތާ ގުޅޭގޮތުން ސުވާލުކުރުމަށްފަހުގައެެވެ. މިދުހަތު މިއަދު އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭނާއާ ސުވާލުކުރީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.

އަލީ ޒާހިރު ސުވާލުކުރި ކަންތައްތަކުގެ ތެރޭގައި ބިގް ކުންފުންޏަށް ބަދަލުދިނުމާ ގުޅޭގޮތުން ޕީއެސްއެމްގެ ބޯޑުން ނިންމި ނިންމުމާ ދެކޮޅަށް މިދުހަތު ވޯޓު ދިނުމާއި ނަޞްރުގެ ދުވަސް ބީ ކެޓަގަރީގެ ދުވަހެއްކަމަށް ބުނެ ނަޞްރުގެ ދުވަހުގެ ޕްރޮގްރާމްތައް ޕީއެސްއެމްގެ ޗެނަލްތަކުން ނުދައްކަން ނިންމި ނިންމުމަށް މިދުހަތު ފާޑުވިދާޅުވި މައްސަލަ ހިމެނެއެވެ.

ތިރީގައި މިވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިދުހަތުއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަތައް ކަމަށްބުނެ މިދުހަތު އާންމުކޮށްފައިވާ ޗެޓްލޮގެވެ.

އަލީ ޒާހިރު: މިދުހަތު އަށް މި ސަރުކާރުން ހަވާލު ކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮޅުން ފިލުން މި ވަގުތައް ބޭނުންވާ ތިން ކަމަކާއި ގުޅިގެން މަޝްވަރާކޮށްލުން ބޭނުމަކީ... ވަގުތުވެސް ވަރަށް ތާށި ދުވަހެއް މީ...

މިދުހަތު: އާދެ، ކުރިއަށް ގެންދަވާ..

އަލީ ޒާހިރު: ބިގަށް ފައިސާ ދިނުމަށް ޕީއެސްއެމް ބޯޑުގައި ނެންގެވި ވޯޓުގައި ވޯޓު ދެއްވީ ބިގާ ދެކޮޅަށް ދެއް ތޯ...؟

މިދުހަތު: އާދެ..

އަލީ ޒާހިރު: އެއީ ކީއްވެތޯ..؟

މިދުހަތު: އެއީ އެހާ ގިނަ އަދަދެއްގެ ފައިސާ ބިގަށް ދައްކަން ޖެހޭ ކަމަށް އަޅުގަނޑުގެ ވިސްނުމަށް ޤަބޫލުނުކުރެވޭތީ...

އަލީ ޒާހިރު: ހެހެހހެ އެހެން ތޯ..؟ ނިމުނު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޕީއެސްއެމްގެ މަސައްކަތަކާއި ގުޅިގެން ނުރުހުންވެ ހިޔާލު ފާޅު ކުރެއްވިންތޯ..؟

މިދުހަތު: އާދެ.. އެދުވަހު އަޅުގަނޑު ދެންނެވިން.." 19 ދިވެހިން ޝަހީދުކޮށްލި ބިރުވެރި ހާދިސާގެ ވާހަކަތައް ބީ ކެޓަގަރީގައި....!! ކޮބާ އައްޔާ ކަލޭގެ ލަދު ހަޔާތް..!؟.."

އަލީ ޒާހިރު: ހާއްސަ މުނާސަބުތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތު މިދުހަތު އަށް ސާފުނުވެ އޮތުމުން ވަރަށް ދެރަ.

މިދުހަތު: އެހެންތޯ..؟ ކޮބާތޯ..؟ ތިޔަ ވިދާޅުވާ ސަރުކާރުގެ ސިޔާސަތަކީ...؟!

އަލީ ޒާހިރު: ކުރިއަށް މުސްތަޤުބަލުގައި އެކަން ދާނީ މިދުހަތު އަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް ސާފުވެ ހާމަ ވަމުން..

އަލީ ޒާހިރު: ޕީއެސްއެމް ބޯޑުގެ ބައެއް ނިންމުން ތަކުގައި މިދުހަތުގެ އެއްބާރުލުން ވެސް ސަރުކާރަށް ވަރަށް މުހިއްމު، އެގޮތުން ރައީސް ސޯލިހްގެ އިސްނެގެވުމަށް އިމާރާތް ކުރަން ހަމަޖެހިފައިވާ 15 ބުރީގެ އިމާރާތުގައި އަވަސް ނިންމުންތަކެއް ނިންމަން އެބަޖެހޭ، އަދި މިދައުރުގައި އެތަން ނިންމާ ހޮޅުވަން ރައީސް ވަރަށް ބޮޑަށް ބޭނުން ފުޅުވޭ، މިކަން ކުރެވޭނީ "ވަރުހުރި" ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްގެން، އެހެން ނޫންތޯ..؟ މިކަމުގައި މިދުހަތުގެ ވިސްނުމަކީ ކޮބާތޯ..؟

މިދުހަތު: އިމާރާތާއި ގުޅޭ ކަންކަމުގައި މެނޭޖުމެންޓުން އެދިގެން ބޯޑުން ކުރާ މަޝްވަރާތަކުގައި އަޅުގަނޑުގެ ވިސްނުން ވެސް ހާމަ ކުރަމުން މިދަނީ. ދެން ބޯޑުގެ ނިންމުމެއް އަންނާނީ ހުރިހާ މެންބަރުންގެ ވިސްނުން ވެސް އެއްގޮތްވެގެން ދެއްތޯ. މެންބަރުންނަށް އެއްބަސް ނުވެވޭ ކަންކަމުގައި ނެގޭ ވޯޓަށް އަޅުގަނޑު އިހްތިރާކުރަން އަބަދުވެސް

އަލީ ޒާހިރު: އާދެ، އިމާރާތުގެ މަސައްކަތް ހަލުވި ކުރުމަށް ބޯޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ ސަރުކާރުން އެކަން ވެސް ކުރާނެ އަދި އެބަދަލު ވެދާނެ އިމާރާތާއި ލާޖެހިގެންދާ ބަދަލަކަށް ވެސް.

ނަމަވެސް އަލީ ޒާހިރު މިކަން ދޮގުކުރައްވައެވެ. އޭނާ ވިދާޅުވީ މިދުހަތުއަކީ އޭނާ ދުވަހަކުވެސް ބައްދަލުވި މީހެން ނޫންކަމަށެވެ. އަލީ ޒާހިރު އެހެން ވިދާޅުވިއިރު މީގެ ކުރިން އަލީ ޒާހީރު މިދުހަތާ ދިމާވެފައިވާކަން މިދުހަތު އާންމުކޮށްފައިވާ ވީޑިއޯތަކުން އެނގެއެވެ. ސަން ޓީވީގައި މިދުހަތު މަސައްކަތް ކުރެއްވިއިރު އޭރުގެ އިދިކޮޅުގައި ތިބެ އަލީ ޒާހިރުވަނީ މިދުހަތު ހުށަހެޅުއްވި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ.

ޕީއެސްއެމްގެ އާ އިމާރާތް ވަކިކުންފުންޏަކަށް ދޭން މަސައްކަތް ކުރާކަމުގެ ތުހުމަތު:

މިދުހަތު ތުހުމަތު ކުރައްވާ ގޮތުގައި ޕީއެސްއެމްގެ ބޯޑުން އޭނާ ވަކިކުރި މައިގަނޑު ދެ ސަބަބުގެ ތެރެއިން އެއްސަބަބަކީ ޕީއެސްއެމްގެ 13 ބުރީގެ އައު އިމާރާތް އެޅުމަށް ވަކި ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފަސޭހަކުރުމެވެ. އިމާރާތް އެޅުމަށް އެދި ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން އަގު ބޮޑުކޮށް ހުށަހަޅާފައިވާ, މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުނި އާރްސީއެންސީއަށް ދޭން ސަރުކާރުން މަސައްކަތް ކުރާކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

އެކުންފުންޏާ އެ މަސައްކަތް ހަވާލުކުރެވޭނީ ޕީއެސްއެމްގެ ބޯޑުން އެކަން ފާސްކޮށްގެނެއެވެ. ބޯޑުގައި މިހާރު ތިބި މެންބަރުން ތެރެއިން އެކަމާ ދެކޮޅު ހައްދަވަނީ މިދުހަތުއެވެ. އެހެންކަމުން އަލީ ޒާހިރު ފާހަގަކުރެއްވި ގޮތަށް އިމާރާތް ސަރުކާރުން ބޭނުންވާ ބަޔަކާ ހަވާލުކުރަން ބޯޑުން ފާސްކުރަން ގެނައި ބަދަލެއް ކަމަށް ވެދާނެއެވެ.

މިދުހަތުގެ ބަދަލުގައި ޕީއެސްއެމްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ރައީސް މައުމޫނުގެ ދައުރުގައި ޓީވީއެމްގެ ސީއީއޯކަން ކުރެއްވި, އަދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވީޓީވީގެ ސީއީއޯކަން ކުރައްވާފައިވާ މުހައްމަދު އާސިފް (މޮންދު) އެވެ. އަދި ސަރުކާރުުން ބޭނުންވާ ގޮތަށް މޮންދު ވޯޓު ދެއްވާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ޕީއެސްއެމްގެ އިސްވެރިންގެ ވައްކަން ފަޅާއަރުވާލުން

ޕީއެސްއެމްގެ އިސްވެރިން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެކުލަވާލި އިންޓާނަލް އޮޑިޓަރު ވަނީ އެތަނުގެ މިހާރުގެ ގިނަ ވެރިންތައް ބައިވެރިވެގެން ހިންގާފައިވާ ބޮޑެތި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޕޯޓު ތައްޔާރުކޮށް ޕީއެސްއެމްގެ ބޯޑަށް ހުށަހަޅާފައެވެ. އަދި އެ ރިޕޯޓުތަކާ ގުޅިގެން ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ބޯޑުން މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދަށާއި މެނޭޖްމަންޓަށް ވަނީ އަންގާފައެވެ.

ނަމަވެސް މިހާތަނަށް އައިއިރު ޢަލީ ޚާލިދުވަނީ ފިޔަވަޅު އެޅުމަށް ދެކޮޅުހަދާ ރިޕޯޓުތައް އަލުން ރިވިއުކުރުމަށް ކޮމިޓީއެއް އެކުލަވާލާ އެމަސައްކަތް ކޮމިޓީއަކާ ހަވާލުކޮށްފައެވެ. މިކަމާ ގުޅިގެން ޢަލީ ޚާލިދާއި މިދުހަތާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ބޯޑު ބައްދަލުވުންތަކުގައި ޒުވާބުކޮށްފައިވެއެވެ. މީގެ އިތުރުން ޕީއެސްއެމްގެ އޮޑިޓް ރިޕޯޓްތައް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޒީރޯ ޓޮލަރެންސް ޕޯޓަލްއަށްވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް އަދިވެސް އެއްވެސް ތަނަކުން އެކަމާ ގުޅޭގޮތުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި