ރާއްޖެސަރުކާރު

ރައީސުލްޖުމްހޫރިއްޔާ މަޑިވަރު އެއަރޕޯޓް ހުޅުވައިދެއްވައިފި

18/02/2022

ޒައިން ރަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް


ޝެއަރ

ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ހުޅުވައިދެއްވައިފިއެވެ.

އެއަރޕޯޓް ހުޅުވުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ, ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމުގައި އެއްރަށް އަނެއް ރަށް ދަތުރުފަތުރުން ގުޅުވާލުމަކީ މުހިންމު މަސައްކަތެއް ކަމަށާއި އެގޮތުން މިއަދު މަޑިވަރުގައި ހުޅުވުނު އެއަރޕޯޓާއެކު، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއަރޕޯޓެއް ޤާއިމުކުރެވިއްޖެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ މީގެ 16 ވަރަކަށް އަހަރުކުރިން ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރައްވައި މިއަދު އެއަރޕޯޓް ހުޅުވިގެން ދިއުމަކީ ފާދިއްޕޮޅުގެ ރައްޔިތުންނާއި މިސަރަޙައްދުގައި ރިޒޯޓްތައް ހިންގާ ފަރާތްތަކަށްވެސް ލިބިގެންދިޔަ އުފަލެއްކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ މި އެއަރޕޯޓާއެކު ޅ. އަތޮޅުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވުމާއި ގެސްޓްހައުން ހިންގާ ފަރާތްތަކާއި ހޯމް ސްޓޭގެ ވިޔަފާރިއާ އާއި އަދި އެހެން ވިޔާފާރިތަކަށް ވެސް ކުރިއެރުން ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއަރޕޯޓް ހުޅުވިގެން ދިޔައީ އެންމެ ފުރިހަމަ ވަޞީލަތްތަކާއެކުގައިކަން ފާހަގަކުރައްވައި އެއަރޕޯޓް ހިންގުމަށް ހަވާލުވެފައިވާ އައިލެންޑް އެވިއޭޝަނުން ރައްޔިތުންނާއި ރިޒޯޓްތަކުން ބޭނުންވާ ފެންވަރުގެ ޚިދުމަތްތަކެއް ދެއްވުން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެކަން ފާހަގަކުރައްވައި މި އަހަރުގެ ތެރޭގައި އިތުރު ދެ އެއަރޕޯޓެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރި ފަރާތުން މި އެއަރޕޯޓް އިތުރަށް ބޮޑުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތް ފެށުމުގެ ތައްޔާރީތައްވެސް ވަމުން އަންނަކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މަޑިވަރު އެއަޕޯޓް މިއަދު ރައީސް ސޯލިހް ހުޅުވައިދެއްވިއިރު, ކުރީގެ ސަރުކާރުން މި އެއަރޕޯޓުގެ މަސައްކަތް ފެށުމުން އޭރު އެމްޑީޕީން ވަނީ 'ސޭވް މަޑިވަރު' ގެ ނަމުގައި އެއަރޕޯޓް އެޅުމާ ދެކޮޅަށް ކެންޕެއިންކޮށްފައެވެ. އަދި އެހަރަކާތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިހާއ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.

ޅ. މަޑިވަރު އެއަރޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑެވެ. މަޑިވަރު އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ޚިދުމަތް ދެވެންހުރެއެވެ. ހަމަ އެހެންމެ ޓަރމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއްވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރުގެ އިތުރުން ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.

ހިޔާލު


ގުޅުންހުރި