ދުނިޔެ

ރަސްމީ އިއްޒަތުގައި ޖަނާޒާ ބޭއްވުމަށްފަހު އިނގިރޭސި ރާނީ ފަސްދާނުލައިފި

19/09/2022

ޒައިން ރަޝީދު


ޝެއަރ

އިނގިރޭސި ރާނީ ކުއީން އެލިޒަބަތް ދެވަނައިގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމަށްފަހު އެކަމަނާ ފަސްދާނުލައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން ބޭއްވި ޖަނާޒާގެ ހަރަކާތްތައް ފެށިގެން ދިޔައީ ވެސްމިންސްޓާ އަބޭގައި ބޭއްވި ނަސާރާ ދީނުގެ އަޅުކަމާއި, އެކަމަނާއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ހަރަކާތުންނެވެ. މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ދެކަނބަލުންނާއި ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

މި ހަރަކާތައްފަހު އަސްކަރީ ޕެރޭޑެއްގައި އެކަމަނާގެ ހަށިކޮޅު ވަނީ ލަންޑަނުގެ މުހިއްމު ބިނާތަކަށް ގެންގޮސްފައެވެ. މި ބިނާތަކަކީ އެކަމަނާގެ ރަނިކަމާއި އިނގިރޭސި ރަސްކަމުގެ އާރާއި ބާރު ދައްކުވައިދޭ ބިނާތަކެވެ.

އަސްކަރީ ޕެރޭޑަށްފަހު މިއަދު ހަވީރުގައި އެކަމަނާގެ ސަންދޮށް ގެންދިޔައީ ވިންޑްސާ ކާސަލްއަށެވެ. އެތަނުގައިވެސް ދިގު ދެމިގެންދިޔަ އަޅުކަމުގެ ހަރަކާތަކަށްފަހު ރާނީ އެލިޒަބަތް ފަސްދާނުލީ މިރޭ ރާއްޖެ ގަޑިން 8:55 ހާއިރުއެވެ. ފަސްދާނުލީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާން ޖޯޖް 6 ވަނަ އަދި މަންމާފުޅާއި ކުރީގެ ރަސްރަސްކަލުންގެ އަރިހުގައި ވިންޑްސާ ކާސަލްގައެވެ.

މިއަދު ރާނީ ފަސްދާނުލިއިރު, 3 ދުވަސް ވަންދެން އެކަމަނާގެ ހަށިކޮޅު ބާއްވާފައި އޮތީ ވެސްމިންސްޓާ އަގޭގެ މައި ހޯލުގައެވެ. އަދި އިނގިރޭސިވިލާތާއި ކޮމަންވެލްތްގެ އެތައް ގައުމެއްގެ އެތައްހާސް ރައްޔިތުން ވަނީ އެކަމާއަށް އެންމެ ފަހުގެ އިހްތިރާމް އަދާކޮށްފައެވެ. އަދި މިއަދުވެސް އެކަމަނާގެ ހަށިކޮޅު އަސްކަރީ ޕްރޭޑްގައި ލަންޑަނުގެ މަގުތަކުން ދަތުރުކުރިއިރު އެތައްހާސް މީހުން ވަނީ މަގުތަކަށް ނިކުމެ އެންމެ ފަހުގެ އިހްތިރާމް އަދާކޮށް މާ އުކާފައެވެ.

ރާނީ އަވަހާރަވުމާއެކު އެކަމަނާގެ ދޮށީދަރިކަލުން އަދި ވަލީއަހުދު ޗާލްސް ވަނީ ރަސްކަމަށް އިސްކޮށްފައެވެ. އަދި މިހާރު އިނގިރޭސި ވަލީއަހުދަކީ ރަސްގެފާން ޗާލްސް 3 ވަނައިގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއެވެ.

ހިޔާލު


ގުޅުންހުރި