ވިޔަފާރި

ބީއެމްއެލް ކާޑުން ގޮތްނޭގޭ ޓްރާންސެކްޝަންތައް ގިނަވެ އެކަމުގެ ޝަކުވާ

07/10/2022

ޒައިން ރަޝީދު


ޝެއަރ

ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލްގެ ވިސާ ކާޑުން ގޮތް ނޭގޭ ޓްރާންސެކްޝަންތައް ހަދާ ގިނަ ބައެއްގެ އަތުން ފައިސާ ނަގަމުންދާކަމުގެ ޝަކުވާކުރަން ފަށައިފިއެވެ.

ގޮތްނޭގޭ ޓްރާންސެކްޝަންތައް މެދުވެރިކޮށް ފައިސާ ގެއްލިފައިވާ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަން ހާމަކޮށް ވަރަށް ބޮޑަށް ނުރުން ފާޅުކުރަމުންނެވެ. ނަމަވެސް އެގޮތަށް ކާޑުން ފައިސާ ކަނޑަނީ ބޭންކް އޮފް މޯލްޑިވްސް ނުވަތަ ވިސާ ކުންފުނީގެ މައްސަލައަކުން ނޫންކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ވިސާ ކާޑުގެ ޑޭޓާ ބްރީޗެއް ނުވަތަ މައުލޫމާތު ލީކުވުން ފަދަ އެއްވެސް މައްސަލައެއް ނޫޅޭކަމަށެވެ. އެފަދަ ކަމެއް އުޅޭނަމަ ވިސާ ކުންފުނިންނާއި ބީއެމްއެލްއިން ވަގުތުން ފިޔަވަޅު އަޅާނެކަމަށެވެ.

އޭނާ ވިދާޅުވީ ގޮތްނޭގޭ ޓްރާންސެކްޝަންތައް މެދުވެރިކޮށް ފައިސާ ކަނޑާފައިވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކާޑުގެ މައުލޫމާތު އިންޓަނެޓް މެދުވެރިކޮށް ނުވަތަ އެހެންވެސް ގޮތަކަށް އިތުރު ފަރާތަކާ ހިއްސާކުރެވިގެން ދިމާވަމުން މައްސަލަތައް ކަަމަށެވެ.

" ނޫން, އެއީ ދޮގެއް. ކާޑުގެ މައުލޫމާތު ލީކުވުން ނުވަތަ ޑޭޓާ ބްރީޗެއް ނޫޅޭ. އެފަދަ ކަމެއް އުޅޭނަމަ އިންޓާނޭޝަނަލް ނެޓްވޯކުންނާއި ބޭންކުންވެސް ވަގުތުން ފިޔަވަޅު އަޅާނެ" އޭނާ ވިދާޅުވިއެވެ.

ނަަމަވެސް ސްޕޭމް ޓްރާންސެކްޝަންތައް މެދުވެރިކޮށް އެތައް ބައެއްގެ ކާޑުން ފައިސާ ވަނީ ނަގާފައެވެ. އަދި ކާޑު އާކުރުމަށް އެދި ގިނަ ބަޔަކު ވަނީ ބޭންކަށް ހުށަހަޅާފައެވެ.

ހިޔާލު


ގުޅުންހުރި