ރާއްޖެސަރުކާރު

މަޝްވަރާ ކުރަން އެއްބަސްވެ, ވ. ހުޅިދޫ އިން ފައިބައިފި

14/10/2022

ޒައިން ރަޝީދު


ޝެއަރ

ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ވ. ހުޅިދޫ އެ އަތޮޅު ރައްޔިތުންނާ ހަވާލުކުރުމަށް ގޮވާލާ ކުރަމުންދިޔަ މުޒާހަރާ ހުއްޓާލާ މުޒާހަރާގެ ބައިވެރިން ހުޅިދޫން ފައިބައިފިއެވެ.

މުޒާހަރާ ކުރަމުންދިޔަ މީހުން އެ ރަށުން ފައިބަން ނިންމީ, ރަށް ހަވާލުކުރުމުގެ މައްސަލާގައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް އެއްބަސްވެގެންނެވެ. މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވީ ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާޢު އަލީ އާއި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސައިންއެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ 9:30 ގައި ވ. ހުޅިދޫން ނުފައިބައިފިނަމަ އެމީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާ ކަމަށެވެ. އަދި އެއަށްފަހު އޭނާ ވިދާޅުވީ ސަރުކާރާއެކު މަޝްވަރާ ކުރުމަށް އެއްބަސްވެ ރަށުން ފައިބަން ނިންމާފައިވާ ކަމަށެވެ.


ނަމަވެސް ރޭ ޝިފާޤް 'ސުކުން' އަށް ދެއްވި އޯޑިއޯ އިންޓަވިއު ގައި ވިދާޅުވީ ރަށުން ފައިބާނީ ސަރުކާރުން އެރަށް އަތޮޅު ކައުންސިލާ ހަވާލުކުރުމުން ނޫނީ ރަށް ސަރުކާރުގެ މުއައްސަސާއެއްގެ ބެލުމުގެ ދަށަށް ގެންދިއުމުން ކަމަށެވެ. އަދި ސަރުކާރާއެކު މައްސަލާގައި ވާހަކަ ދައްކާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބުނުކަމަށެވެ.

ވ. ހުޅިދޫ އަކީ 2016 ވަނަ އަހަރު ސަރުކާރުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް 6 އަހަރު ވީއިރުވެސް ދަނޑުވެރިކަމުގެ އެއްވެސް ކަމެއް އެރަށުގައި ނުކުރާކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ. އަދި އެރަށުގައި އެންވައިރޮންމަންޓް އިންޕެކްޓް އެސެސްމަންޓް, އީއައިއޭ އާ ޚިލާފަށް ރަށަށް ގެއްލުދީ ފައިވާ ކަމަށް ކައުންސިލް މެންބަރުން ތުހުމަތު ކުރެއެވެ.

ހިޔާލު


ގުޅުންހުރި