ރާއްޖެސަރުކާރު

ހުޅިދޫ އަތުލުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާތައް ކޮޅެއްގަ ނުޖެހުނު

19/10/2022

ޒައިން ރަޝީދު


ޝެއަރ

ސަރުކާރުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވ. ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ އެރަށް ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް ނެގުމާ ގުޅޭގޮތުން މިއަދު ބޭއްވި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.

ހުޅިދޫ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަތޮޅު ކައުންސިލާ ހަވާލުކުރުމަށް އެދި އެ އަތޮޅު ރައްޔިތުން ވަނީ މިދިޔަ ހަފްތާގައި އިހުތިޖާޖުކޮށްފައެވެ. އަދި އެރަށަށް އަރާ ކުރަމުންދިޔަ މުޒާހަރާ ހުއްޓާލީ އެކަމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރުމަށް އެއްބަސްވުމުންނެވެ. އެގޮތުން މިއަދު ބޭއްވީ މަޝްވަރާ ތަކުގެ ފުރަތަމަ ބައްދަލުވުމެވެ.

މިއަދުގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާއި އެންވައިރޮންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ވެރިންނާއި ވ. ހުޅިދޫ ކުއްޔަށް ދޫކޮށްފައިވާ އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމްއާއި ވ. އަތޮޅު ކައުންސިލްގެ ރައީސް ސުޖާއު އަލީއާއި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސައިން ބައިވެރިވިއެވެ.


ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ވަނީ ހުޅިދޫ ކުއްޔަށް ދިނުމާ ގުޅޭގޮތުން އާރަށް އިންވެސްޓްމަންޓާއެކު ހަދާފައިވާ އެއްބަސްވުން ސައްހަކަމަށް ވިދާޅުވެފައެވެ. އަދި އެ އެއްބަސްވުން މިނިސްޓްރީއަށް އުވާލެވޭނެކަން ފާހަގަކުރައްވާ, ނަމަވެސް އެއްބަސްވުން މިނިސްޓްރީން އުވާލާފައި ނުވާނެކަމަށް ވިދާޅުވިއެވެ.

އެންވައިރޮންމަންޓް މިނިސްޓަރު ވިދާޅުވީ އެރަށުގައި ޔީއައިއޭ ރިޕޯޓާ ހިލާފަށް ކޮށްފައިވާ ކަންކަން ސާރވޭ ކުރުމަށް އެންވައިރޮންމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ޓީމެއް މާދަމާ އެރަށަށް ދާނެކަމަށެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ވަނީ ހުޅިދޫގެ އެއްބަސްވުން އުވާލުމާ ގުޅޭގޮތުން މަޝްވަރާ ކުރަންވެސް ދެކޮޅު ހަދާފައެވެ. އަދި ސަރުކާރުން ބޭނުންވަނީ އެ އެބަސްވުމާ އެއްގޮތަށް އެރަށް މިހާރު ކުއްޔަށް ދޫކޮށްފައިވާ އާރަށް އިންވެސްޓްމަންޓުގެ ބެލުމުގެ ދަށުގައި ރަށް ބޭއްވުމަށެވެ.

އަތޮޅު ކައުންސިލުން ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަތޮޅު ކައުންސިލުން ވިދާޅުވީ ވ. އަތޮޅުގެ ރައްޔިތުން ބޭނުންވަނީ އެރަށް އަތޮޅުގެ ރައްޔިތުންގެ ބޭނުންމަށް ނެގުމަށާއި އެނޫން ގޮތަކަށް އެއްބަސްނުވާނެކަމަށެވެ.

މި މައްސަލައާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސައިން ދަނީ ސޯޝަލް މީޑިއާގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް އެރަށް އަތޮޅު ކައުންސިލާ ހަވާލުކުރަން ފިޝަރީޒް މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާއި ކަމާގުޅޭ ސަރުކާރުގެ އެހެން ހުރިހާ މުއައްސަސާތަކުން ދެކޮޅެވެ.

ވ. އަތޮޅުގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމް - ފޮޓޯ: މަޖިލިސް


ދަނޑުވެރިކަމަށް ވ. ހުޅިދޫ ސަރުކާރުން އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ 2015 ވަނަ އަހަރުގައެވެ. 2015 ވަނަ އަހަރު ރަޖިސްޓްރީ ކުރި އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ވ. އަތޮޅުގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ ކުންފުންޏެކެވެ. ނަމަވެސް 2021 ވަނަ އަހަރު ކުންފުނީގެ ހިއްސާ އިޓަލީގެ ޑެވިޑް މިންގޯލީ އަށް ވަނީ ވިއްކާލާފައެވެ. އެހެންކަމުން މިހާރު އެކުންފުނީގެ ހިއްސާ ދާރުންނަކީ ޔޫސުފް ނައީމްގެ އިތުރުން ޑެވިޑް މިންގޯލީއެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީވެސް އިޓަލީގެ ޑެވިޑް މިންގޯލީ އެވެ.

އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނިކައި ރިސޯޓްސް އަކީ ރާއްޖޭގެ މަޝްހޫރު ރިސޯޓް ބްރޭންޑެކެވެ. ނިކައި ބްރޭންޑްގެ ދަށުން މިހާރުވެސް ރާއްޖޭގައި ތިން ރިސޯޓް ދަނީ ހިންގަމުންނެވެ. އެއީ ނިކައި އަލިމަތާ ރިސޯޓާއި ނިކައި ދިއްގިރި ރިސޯޓާއި ނިކައި މާޔާފުށި ރިސޯޓެވެ.

ހިޔާލު


ގުޅުންހުރި