ރާއްޖެސަރުކާރު

ވޯލްޑް ކަޕް ހިލޭ ދައްކަން 12.3 މިލިއަން, ހިލޭ ފެންނާނެ ތަ؟

01/11/2022

ޒައިން ރަޝީދު


ޝެއަރ

މިމަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ މެޗުތައް ހިލޭ ދައްކަން ސަރުކާރުން 12.3 މިލިއަން ރުފިޔާ ޕަބްލިކް ސަރވިސް މީޑިއާ, ޕީއެސްއެމަށް ދޭން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީިން ވަނީ 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ) ޕީއެސްއެމަށް ދޭން ނިންމާ އެކަން އެކުންފުންޏަށް އަންގާފައެވެ. ނަމަވެސް އަދި ފައިސާ ޖަމާނުކުރާކަމަށް ޕީއެސްއެމުން މީޑިއާގައި ބުނެފައިވެެއެވެ.

ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު އަދަދެއް ހަރަދުކުރަންޖެހުނީ މިއަހަރުގެ ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ޕީއެސްއެމްއަށް ނުލިބި އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާ ނެޓުން ގަތުމުންނެވެ. މީގެ އިތުރުން މިހާ ބޮޑު ހޭދައެއް ކުރަންޖެހުނު އަނެއް ސަބަބަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންމެފަހު ވަގުތު ލިސްޓެޑް އިވެންޓްސް ނުވަތަ ހިލޭ ދައްކަންޖެހޭ އިވެންޓުތަކުގެ ލިސްޓުން ވޯލްޑްކަޕް އުނިކުރުމެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ގެނައި މި ބަދަލާއެކު ޕީއެސްއެމަށް ޖެހުނީ މީޑިއާ ނެޓުން ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ގަތުމަށެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން ލިސްޓެޑް އިވެންޓްސްއަށް ބަދަލު ނުގެނައިނަމަ ދައުލަތުގެ މީޑިއާއަށް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް މީޑިއާ ނެޓުން ހިލޭ ދޭންޖެހޭނެއެވެ. ނަމަވެސް ބްރޯޑްކޮމްގެ ބަދަލާ ގުޅިގެން ދައުލަތުން 12.3 މިލިއަން ޕީއެސްއެމް މެދުވެރިކޮށް މީޑިއާ ނެޓަށް ދޭންޖެހުނީއެވެ.

ވޯލްޑް ކަޕް ހިލޭ ފެންނާނެ ތަ؟

ޕިއެސްއެމުން ވަނީ 5.4 މިލިއަން ރުފިޔާއަށް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް މީޑިއާ ނެޓުން ގަތުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ވޯލްޑްކަޕް ދައްކަން ހަމަޖައްސާފައި ވަނީ ޕީއެސްއެމްގެ ޔެސް ޓީވީންނެވެ. ޔެސް ޓީވީއަކީ މީޑިއާނެޓު މެދުވެރިކޮށް ނުވަތަ ދިރާގު ޓީވީ މެދުވެރިކޮށް ބެލޭ ޗެނަލެކެވެ. އެއީ ޓެރެސްޓީރިއަލްކޮށް އެންޓަނާއެއް ނުވަތަ ޑީކޯޑަރު މެދުވެރިކޮށް ބެލޭ ޗެނަލެއް ނޫނެވެ.

ޔެސް ޓީވީގެ އިތުރުން ވޯލްޑް ކަޕް ދެއްކުމަށް ހަމަޖެހިފައި ވަނީ މީޑިއާނެޓްގެ މަސްލަހަތު އޮންނަ ރާއްޖެ ޓީވީއާއި މީޑިއާ ނެޓުން ހިންގާ އައިސް ޓީވީންނެވެ. މި ދެ ޗަނަލަކީވެސް މީޑިއާނެޓު މެދުވެރިކޮށް ނުވަތަ ކޭބަލް ޓީވީ މެދުވެރިކޮށް ބެލޭ ޗެނަލްތަކެވެ. އެހެން ކަމުން މީޑިއާ ނެޓުގެ ޕެކޭޖެއް ނުވަތަ ދިރާގު ޓީވީގެ ޕެކޭޖެއް ނުނަގާ ފީފާ ވޯލްޑްކަޕް މި ޗެނަލްތަކުންވެސް ނުފެންނާނެއެވެ.

އެންމެ ފަހުން 2018 ގައި ބޭއްވި ވޯލްޑްކަޕްގެ ރައިޓްސް ގަތީ އޭރުގެ ޕީއެސްއެމުންނެވެ. އަދި އޭރު ޕީއެސްއެމުން ވޯލްޑްކަޕް ދެއްކީ ޓެރިސްޓީރިއަލްކޮށް މާލެއާއި ރާއްޖޭގެ ރަށްތަކަށް ލިބޭ ޓީވީއެމުން ނެވެ. އަދި ރަށްރަށުގެ ކޭބަލް އޮޕަރޭޓަރުންނާއި ޓެރަސްޓީރިއަލްކޮށް ޓީވީއެމް ދައްކާ ހުރިހާ ފަރާތްތަކަށް ހިލޭ ޑީކޯޑަރު ބަހާ, ޑީކޯޑަރު މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިލޭ ވޯލްޑް ކަޕް ބެލޭނެ ގޮތް ހެދިއެވެ. މީގެ އިތުރުން ޕީއެސްއެމްއާއި ޔޫތް މިނިސްޓްރީ ގުޅިގެން ރަށްރަށަށް ބޮޑު ސްރީނާއި ޕްރޮޖެކްޓަރުވެސް އޭރު ފޮނުވިއެވެ.

ނަމަވެސް މިފަހަރު ފައިސާ ނުދައްކާ ވޯލްޑްކަޕް ބެލޭނެ ގޮތެއް އަދި ނުފެނެއެވެ. ރައްޔިތުންގެ ފައިސާއިން 12.3 މިލިއަން އަމިއްލަ ކުންފުންޏަކަށް ދައްކާ ރައިޓްސް ގަތަސް, ޓެރެސްޓީރިއަލްކޮށް ދެއްކުމުގެ ބަދަލުގައި ޕީއެސްއެމުންވެސް ދައްކަން ނިންމާފައި ވަނީ ކޭބަލް ޓީވީ މެދުވެރިކޮށް ޔެސް ޓީވީންނެވެ.

ހިޔާލު


Iburahim Mohamed15:57 2022/11/01

ފޫ ނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެއް ތީ... ބަޔަކަށް ދައުލަތުން ފައިސާތަކެއް ދީނުން.....

ގުޅުންހުރި