ރާއްޖެސަރުކާރު
މިނިސްޓްރީން ޕްރޮޖެކްޓަރު ބަހަނީ, ނަމަވެސް އާންމު ތަންތަނުގައި ވޯލްޑްކަޕް ދެއްކުން މަނާ
14/11/2022
ޒައިން ރަޝީދު
ޝެއަރ
މިމަހު 20ގައި ގަތަރުގައި ފެށޭ ފީފާ ވޯލްޑް ކަޕާ ދިމާކޮށް މިނިސްޓްރީ އޮފް ޔޫތް, ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓުން 100 ޕްރޮޖެކްޓަރު ބަހަން ނިންމާ, ޕްރޮޖެކްޓަރު ބޭނުންވާ ޖަމިއްޔާތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މިއަދު ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މަދަނީ ޖަމިއްޔާތަކަށް ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ޕްރޮޖެކްޓަރު ދޫކުރި އެއްވެސް ޖަމިއްޔާއަކަށް މިފަހަރު ޕްރޮޖެކްޓަރު ދޫކުރުމަށް ހަމަޖެހިފައި ނުވާކަމަށެވެ.
މިނިސްޓްރީގެ އިއުލާނުގައި އެދިފައި ވަނީ ޕްރޮޖެކްޓަރު ބޭނުންވާ މަދަނީ ޖަމިއްޔާތަކުން މިމަހުގެ 16ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން މިނިސްޓްރީއަން އެންގުމަށެވެ.
ޕްރޮޖެކްޓަރު ދޫކުރުމާ ގުޅޭ އިއުލާން މިއަދު ކުރިިއިރު, އިއުލާނުގެ މުއްދަތަށް ދީފައި ވަނީ 48 ގަޑިއިރުކަންވެސް ފާހަގަކޮށްލެވެއެވެ.
ވޯލްޑް ކަޕް ބަލަން ޔޫތް މިނިސްޓްރީން 100 ޕްރޮޖެކްޓަރު ދޫކުރިއަސް, ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ރައިޓްސް ގަނެފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާނެޓުންނެވެ. އަދި މީޑިއާނެޓުން ވަނީ ސަބް-ލައިންސެންސްގެ ގޮތުގައި އެކުންފުނީގެ މަސްލަހަތު އޮންނަ ރާއްޖެ ޓީވީއާއި އައިސް ޓީވީއަށް ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ދީފައެވެ. އަދި ސަރުކާރުން ވަނީ ވޯލްޑްކަޕް ކަޕްރައިޓްސް މީޑިއާނެޓުން ގަތުމަށް ޕީއެސްއެމަށް 12.4 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައެވެ.
ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު އަދަދެއް ހަރަދު ކުރަންޖެހުނީ މިއަހަރުގެ ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ޕީއެސްއެމްއަށް ނުލިބި އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާ ނެޓުން ގަތުމުންނެވެ. އަދި އެންމެފަހު ވަގުތު ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާނެޓަށް ފަހިވާގޮތަށް ގަވާއިދު ބަދަލުކޮށް ލިސްޓެޑް އިވެންޓްސް ނުވަތަ ހިލޭ ދައްކަންޖެހޭ އިވެންޓުތަކުގެ ލިސްޓުން ވޯލްޑްކަޕް އުނިކުރުމުންނެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ގެނައި މި ބަދަލާއެކު ޕީއެސްއެމަށް ޖެހުނީ މީޑިއާނެޓުން ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ގަތުމަށެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން ލިސްޓެޑް އިވެންޓްސްއަށް ބަދަލު ނުގެނައިނަމަ ދައުލަތުގެ މީޑިއާއަށް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް މީޑިއާނެޓުން ހިލޭ ދޭން މަޖުބޫރު ވާނެއެވެ. ނަމަވެސް ބްރޯޑްކޮމްގެ ބަދަލާ ގުޅިގެން ދައުލަތުން 12.4 މިލިއަން ޕީއެސްއެމް މެދުވެރިކޮށް މީޑިއާ ނެޓަށް ދައްކަންޖެހުނީއެވެ.
އެހެންކަމުން މީޑިއާނެޓުން ދަނީ އާންމު ތަންތަނުގައި ޕްރޮޖެކްޓަރުން މީޑިއާނެޓްގެ ހުއްދަ ނެތި ވޯލްޑްކަޕް ދެއްކުން މަނާކޮށް, އެކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެމުންނެވެ.
ސަރުކާރުން ދިން ފައިސާގެ ތެރެއިން ޕީއެސްއެމުން ވަނީ 5.4 މިލިއަން ރުފިޔާއަށް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް މީޑިއާނެޓުން ގަތުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމް އިން ވޯލްޑްކަޕް ދައްކަން ހަމަޖައްސާފައި ވަނީ ޕީއެސްއެމްގެ ޔެސް ޓީވީންނެވެ. ޔެސް ޓީވީއަކީ މީޑިއާނެޓު މެދުވެރިކޮށް ނުވަތަ ދިރާގު ޓީވީ މެދުވެރިކޮށް ބެލޭ ޗެނަލެކެވެ. އެއީ ޓެރެސްޓީރިއަލްކޮށް އެންޓަނާއެއް ނުވަތަ ޑީކޯޑަރު މެދުވެރިކޮށް ބެލޭ ޗެނަލެއް ނޫނެވެ.
ޔެސް ޓީވީގެ އިތުރުން ވޯލްޑް ކަޕް ދެއްކުމަށް ހަމަޖެހިފައި ވަނީ މީޑިއާނެޓްގެ މަސްލަހަތު އޮންނަ ރާއްޖެ ޓީވީއާއި މީޑިއާނެޓުން ހިންގާ އައިސް ޓީވީންނެވެ. މި ދެ ޗަނަލަކީވެސް މީޑިއާނެޓު މެދުވެރިކޮށް ނުވަތަ ކޭބަލް ޓީވީ މެދުވެރިކޮށް ބެލޭ ޗެނަލްތަކެވެ. އެހެންކަމުން މީޑިއާނެޓުގެ ޕެކޭޖެއް ނުވަތަ ދިރާގު ޓީވީގެ ޕެކޭޖެއް ނުނަގާ ފީފާ ވޯލްޑްކަޕް މި ޗެނަލްތަކުންވެސް ނުފެންނާނެއެވެ.
އެންމެފަހުން 2018 ގައި ބޭއްވި ވޯލްޑްކަޕްގެ ރައިޓްސް ގަތީ އޭރުގެ ޕީއެސްއެމުންނެވެ. އަދި އޭރު ޕީއެސްއެމުން ވޯލްޑްކަޕް ދެއްކީ ޓެރިސްޓީރިއަލްކޮށް މާލެއާއި ރާއްޖޭގެ ރަށްތަކަށް ލިބޭ ޓީވީއެމުން ނެވެ. އަދި ރަށްރަށުގެ ކޭބަލް އޮޕަރޭޓަރުންނާއި ޓެރަސްޓީރިއަލްކޮށް ޓީވީއެމް ދައްކާ ހުރިހާ ފަރާތްތަކަށް ހިލޭ ޑީކޯޑަރު ބަހާ, ޑީކޯޑަރު މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިލޭ ވޯލްޑް ކަޕް ބެލޭނެ ގޮތް ހެދިއެވެ.
ނަމަވެސް މިފަހަރު ފައިސާ ނުދައްކާ ވޯލްޑްކަޕް ބެލޭނެ ގޮތެއް ނެތެވެ. ރައްޔިތުންގެ ފައިސާއިން 12.4 މިލިއަން އަމިއްލަ ކުންފުންޏަކަށް ދައްކާ ރައިޓްސް ގަތަސް, ޓެރެސްޓީރިއަލްކޮށް ދެއްކުމުގެ ބަދަލުގައި ޕީއެސްއެމުންވެސް ދައްކަން ނިންމާފައި ވަނީ ކޭބަލް ޓީވީ މެދުވެރިކޮށް ޔެސް ޓީވީންނެވެ. އެހެންކަމުން ރައްޔިތުންގެ ފައިސާއިން ހަރަދުކުރި 12.4 މިލިއަންގެ އިތުރަށް ރައްޔިތުންވެސް މީޑިއާނެޓްގެ ޕެކޭޖް ގަންނަން މަޖުބޫރުވާނެއެވެ.
ހިޔާލު
ގުޅުންހުރި