ކުޅިވަރުބޭރު ދުނިޔޭގެ ކުޅިވަރު

ވޯލްޑްކަޕް ފަށައިފި, ރާއްޖޭގައި ކޭބަލް ޓީވީ ޕެކޭޖެއް ގަންނަން މަޖުބޫރު

20/11/2022

ޒައިން ރަޝީދު


ޝެއަރ

ކުލަ ގަދަ ރަސްމިއްޔާތަކަށްފަހު ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރަތް ޤަތަރުގައި މިރޭ ފަށައިފިއެވެ.

މި މުބާރާތުގައި 32 ގައުމަކުން ވާދަކުރާއިރު, ޓީމްތައް ބަހާލާފައިވަނީ 8 ގުރޫޕަށެވެ. މިރޭ ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ޤަތަރާއި އެކުއެޑޯއެވެ.

ރާއްޖޭގައި ވޯލްކަޕް ފެންނާނީ ކޭބަލް ޓީވީ މެދުވެރިކޮށް

ފާއިތުވި އަހަރުތަކާ ހިލާފަށް މިފަހަރު ރާއްޖޭގައި ވޯލްޑްކަޕް ބަލަން ބޭނުންވާ ފަރާތްތަކުން ކޭބަލް ޓީވީގެ ޕެކޭޖެއް ގަންނަން ވަނީ މަޖުބުރުކޮށްފައެވެ. ރާއްޖޭގައި ވޯލްޑްކަޕް ދައްކަނީ ރާއްޖެ ޓިވީއާއި މީޑިއާނެޓްގެ އައިސް ޓީވީއާއި ޕީއެސްއެމްގެ ޔެސް ޓީވީންނެވެ. މި ހުރިހާ ޗެނަލްތަކަކީވެސް މީޑިއާނެޓް ނުވަތަ ދިރާބު ޓީވީ މެދުވެރިކޮށް ބެލޭ ޗެނަލްތަކެވެ. އެހެންކަމުން މިއިން ކޮންމެ ޗެނަލަކުން ބަލަން ބޭނުންވިޔަސް ކޭބަލް ޓީވީ ޕެކޭޖެއް ގަންނަން މަޖުބޫރެއެވެ.

މިގޮތަށް ޓީވީ ޕެކޭޖް ގަންނަން މިފަހަރު މަޖުބޫރުވީ ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާނެޓުން ގަތުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން 12.3 މިލިއަން ހަރަދުކޮށްގެން ޕީއެސްއެމުން ވަނީ މީޑިއާ ނެޓުން ވޯލްޑްކަޕް ދެއްކުމުގެ ހުއްދަ ގަނެފައެވެ. ނަމަވެސް މީޑިއާނެޓާއި ޕީއެސްއެމްއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްއިންވެސް ދައްކަނީ މީޑިއާނެޓު މެދުވެރިކޮށް ބެލޭ ޕީއެސްއެމްގެ ޔެސްޓީވީންނެވެ. އަދި ޕީއެސްއެމް ކަނެކްޓް މެދުވެރިކޮށްވެސް ދެއްކުމުގެ ހުއްދައެއްނެތެވެ.

މީޑިއާނެޓަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް, އަދި މީޑިއާނެޓްގެ ޕެކޭޖް ގަތުމަށް ރައްޔިތުންނަށް މަޖުބޫރުވި ދެ ވަނަ ސަބަބަކީ އެންމެފަހު ވަގުތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން, އެމްބީސީން މީޑިއާނެޓަށް ފަހިވާގޮތަށް ލިސްޓެޑް އިވެންޓްސް ނުވަތަ ހިލޭ ދައްކަންޖެހޭ އިވެންޓްސްތަކުގެ ލިސްޓުން ވޯލްޑްކަޕް އުނިކުރުމުންނެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންމެ ފަހު ވަގުތު މިބަދަލު ނުގެނައިނަމަ, ބްރޯޑްކާސްޓިންގެ ގާނޫނާ އެއްގޮތަށް މީޑިއާނެޓުން ދައުލަތުގެ ޓީވީއަށް ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް ހިލޭ ދޭންޖެހޭނެއެވެ.

ކުރީ ފަހަރުތަކުގައި ހެދީ ކިހިނެތް؟

މީގެ ކުރިން ބޭއްވި ވޯލްޑްކަޕްތަކުގައި ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ހުއްދަ ގަންނަނީ ދައުލަތުގެ މީޑީއާ އިންނެވެ. އެ ގޮތުން 2018 ވަނަ އަހަރުގައި ބޭއްވި މުބާރާތުގެ ރައިޓްސް ވެސް ގަތީ ޕީއެސްއެމް އިންނެވެެ. ނަމަވެސް މިފަހަރު ޕީއެސްއެމް އިން ވޯލްޑްކަޕްގެ ރައިޓްސް ގަތުމަށް ދުރާލާ މަސައްކަތެއްވެސް ނުކުރެއެވެ. އެކަންހާމަވީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން, އެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ބޭއްވި ބަދަލުވުމުގައެވެ. އެހެންކަމުން މި ފަހަރު ވޯލްޑްކަޕް ބެލުމަށް ކޭބަލްޓީވީގެ ޕެކޭޖް ގަތުމަށް މަޖުބޫރުކުރުމުގައި ޕީއެސްއެމްއާއި ބްރޯޑްކާސްޓިންގ ކޮމިޝަން އަދި މީޑިއާނެޓް ގުޅިގެން މަސައްކަތް ކޮށްފައިވާކަމަށް މަޖިލީހުގެ މެންބަރުން ވަނީ ތުހުމަތުކޮށްފައެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރައިޓްސް ޕީއެސްއެމްއިން ގަތުމަށްފަހު, އެ ފަހަރު މެޗުތައް ދެއްކީ ޓެރަސްޓީރިއަލްކޮށް އެންޓަނާ ނުވަތަ ޑީޖިޓަލް ޑީކޯޑަރު ބޭނުންކޮށްގެން ފެންނަ ޓީވީއެމް އިންނެވެެ. އަދި ޓެރަސްޓީރިއަލްކޮށް ރަށްރަށުގައި ހިލޭ ދެއްކުމަށް ހާއްސަ ޑީކޯޑަރުތައް ހޯދާ, ޑީކޯޑަރާއި ޕްރޮޖެކްޓަރުތައް ހިލޭ ރަށްރަށަށް އެފަހަރު ފޮނުވިއެވެ. އެހެންކަމުން އެފަހަރު އެއްވެސް ރައްޔިތަކު ވޯލްޑްކަޕް ބަލަން ކޭބަލްޓީވީގެ ޕެކޭޖެއް ގަންނާކަށް ނުޖެހެއެވެ. ނަމަވެސް މިފަހަރު ކޭބަލް ޓީވީ ޕެކޭޖެއް ނެތި ނުފެންނާނެއެވެ.

ހިޔާލު


ޒަރީރު06:28 2022/11/21

މި ވާގޮތް ރައްޔިތުން ވިސްނާ. މީޑިއާ ނެޓަށް ލިބޭ ކޮންމެ ރުފިޔާއަކީ ވަގު އިބޫގެ ކެމްޕޭނަށް ލިބޭ ފައިސާ. ދައިލަތުގެ މީޑިއާއިން ހިލޭ ބެލޭގޮތް ނުހެދޯ މީޑިއާނެޓަށް ގިނަ ފައިސާ ވައްދަން. ދިރާގު ޓީވީވެސް ހުއްޓާލަން މަޖުބޫރު އެކުރަނީ

ގުޅުންހުރި