ރާއްޖެސަރުކާރު

ވަޒީފާގެ ބިރެއް ނުދައްކާނެކަމަށް ސަރުކާރުން ބުނާއިރު ތަފާސްހިސާބުން ފެންނަނީ އެހެން މަންޒަރެއް

22/12/2022

ޒައިން ރަޝީދު


ޝެއަރ

ފާއިތުވި ހަތަރު އަހަރު ގަވާއިދާ ހިލާފަށް ސަރުކާރުން 194 މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަން ހާމަވެއްޖެއެވެ.

ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ސިވިލް ސާރވިސްގެ މުވައްޒަފުންނާއި, ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ވަކިކުރި މީހުން ހިމެނެއެވެ.

ވަޒީފާއާއިބެހޭ ޓްރައިބިއުނަލް އިން 'ސުކުން'އާ ހިއްސާކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 4 އަހަރު 194 މީހަކު ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށްކަމަށް ކަނޑައަޅާ އެމީހުންނަށް އަލުން ވަޒީފާ ދިނުމަށް އެ ޓްރައިބިއުނަލް އަމުރުކޮށްފައިވެއެވެ.

އަދި ފާއިތުވި 4 އަހަރު 777 މީހުން ވަޒީފާގެ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ.

މައްސަލަ ހުށަހެޅި އަދަދުތަކަށް ބަލާއިރު:

2019 ވަނަ އަަހަރު: 200 މައްސަލަ

2020 ވަނަ އަހަރު: 202 މައްސަލަ

2021 ވަނަ އަހަރު: 115 މައްސަލަ

2022 އޮކްޓޯބަރުގެ ނިޔަލަށް: 108 މައްސަލަ ހުށަހަޅާފައިވެއެވެ.

ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްގެން އަލުން ވަޒީފާ ދިނުމަށް ޓްރައިބިއުނަލް އިން ހުކުމް ކޮށްފައިވާ އަދަދުތަކަށް ބަލާއިރު:

2019 ވަނަ އަހަރު: 49 މައްސަލަ

2020 ވަނަ އަހަރު: 67 މައްސަލަ

2021 ވަނަ އަހަރު: 37 މައްސަލަ

2022 އޮކްޓޯބަރުގެ ނިޔަލަށް: 11 މައްސަލަ

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ގަވާއިދާ ހިލާފަށް އެންމެ ގިނައިން މުވައްޒަފުން ވަކިކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފެނަކައިން ފާއިތުވި 4 އަހަރު ގަވާއިދާ ހިލާފަށް ޖުމުލަ 21 މުވައްޒަފުން ވަކިކޮށްފައިވެއެވެ. އަދި އެމީހުންނަށް އަލުން ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ހުކުމްކޮށްފައިވާއިރު, މިއިން އެއްވެސް ފަރާތަކަށް އަލުން ވަޒީފާ ދީފައެއް ނުވެއެވެ.

ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި ގިނަ މީހުން ވަކިކޮށްފައިވަނީ އެމީހުންގެ ސިޔާސީ ފިރުކު ހާމަކުރުމާއި ސަރުކާރާއި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައިގެންނެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތައް ފާޑުކިޔުން ނުވަތަ އިދިކޮޅު ސިޔާސީ ފިރުކުރުގެ މީހުން ވަޒީފާއިން މަހުރޫމް ނުކުރާނެކަމަށް މިހާރުގެ ރައީސްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ފިކުރުގެ އިތުުރުން ވެރިކަންކުރާ ޕާޓީ, އެމްޑީޕީގައި ހިމެނޭ ދެ ފެކްޝަނުގެ މެދުގައިވެސް ވަނީ ވަޒީފާގެ ބިރު ދެއްކުން އިތުރުވެފައެވެ. އެގޮތުން ޕާޓީގެ އެތެެރޭގެ އިންތިހާބާ ދިމާކޮށް, ސަރުކާރުން އެމްޑީޕީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ މީހުން ވަޒީފާއިން ވަކިކޮށް އެމީހުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން ތުހުމަތުކުރެވެ.

ނަމަވެސް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މިއުވާން ވިދާޅުވީ ސަރުކަރުން އެއްވެސް އިންތިހާބަކާ ދިމާކޮށް ވަޒީފާގެ ބިރު އެއްވެސް މީހަކަށް ނުދައްކާނެ ކަމަށެވެ.

ތަރުޖަމާން މިހެން ވިދާޅުވިޔަސް, ތަފާސްހިސާބުން ފެންނަ މަންޒަަރަކީ ސަރުކާރުން ފާއިތުވި 4 އަހަރު 194 މީހުން, އަދި މިއަހަރުގެ މިހާތަނަށް 11 މީހުން ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރިކަމެވެ.

ހިޔާލު


ގުޅުންހުރި