ރިޕޯޓް

އެޗްޑީސީގެ ބްރޭންޑް "އަރބަންކޯ" އިސްތިހާރު ކުރަން 1.7 މިލިއަން ރުފިޔާ

18/04/2023

ޒައިން ރަޝީދު


ޝެއަރ

2001 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގެ ގޮތުން ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓުގެ ނަމުގައި އުފެއްދެވި ޔުނިޓް, ފުޅާވެ މިހާރު ވަނީ ބޮޑު ކުންފުންޏަކަށް ބަދަލުވެފައެވެ.

އެކި ސަރުކާރު ތަކުން އެކި ބަދަލުތައް ގެނެސް, ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގުމަށްފަހު, ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމަށް ބަދަލުކޮށް ކުންފުނި ހިންގާފައިވެއެވެ.

މައިގަނޑު ގޮތެއްގައި އެޗްޑީސީން ކުރާ މަސައްކަތަކީ ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގެ މަސައްކަތެވެ. އަދި ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ހައުސިންގ މަޝްރޫއުތައް ހިިންގުން އެޗްޑީސީއާ ހަވާލުކޮށް އެކުންފުނިން އެމަސައްކަތް ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ދައުރުގައި ހުޅުމާލޭ ތަރައްޤީ ކުރީ ޔޫތް ސިޓީ ބްރޭންޑްގެ ދަށުން, ޔޫތް ސްމާޓް ސިޓީ ކޮންސެޕްޓަށެވެ. އޭރު ހުޅުމާލޭ ދެ ވަނަ ފިޔަވަހި ހިއްކާ, އެތަނުގައި ފެލްޓް އަޅާ, އަދި ޒަމާނީ ވަސީލާތްތަކާއެކު އެތަން ތަރައްޤީ ކުރާނެ ޕްލޭންވެސް ހެދިއެވެ.

ނަމަވެސް މިސަރުކާރުން ވަނީ ހައުސިންގ މަޝްރޫއުތައް ހިންގަން އަނެއްކާ އިިތުރު ކުންފުންޏެއް 'ފަހި ދިރިއުޅުން' ގެ ނަމުގައި އުފައްދާފައެވެ. އެހެން ކަމުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫއުތައް މިހާރު ހިންގަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ. އެޗްޑީސީއަކުން މިހާރު ހައުސިންގ މަޝްރޫއެއް ނުހިންގައެވެ.

ކުންފުނީގެ ނަން ބަދަލެއް ނުކުރޭ, ތައާރަފްކުރީ ބްރޭންޑް ނަމެއް

މައުލޫމާތު ހޯދާ ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން އައިމަން ލަތީފަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ދިން ޖަވާބުގައި ބުނެފައިވާ ގޮތުން 14 އޮކްޓޯބަރު 2020 ގައި ބޭއްވި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ބައްދަލުވުމުގައި ކުންފުނީގެ ނަން ބަދަލުކުރަން ނިންމިއެވެ.

ނަމަވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުރިން ހިންގި މަޝްރޫއުތަކަށް ނެގި ލޯނުތަކާއި ހެދި ހުރިހާ އެއްބަސްވުންތައް ހުރީ އެޗްޑީސީގެ ނަމުގައެވެ. އެ އެއްބަސްވުންތައް ބަދަލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި ހައުސިންގ މަޝްރޫއުތައް މިހާރު އެކުންފުނިން ނުހިންގިޔަސް ކުރީގެ މަޝްރޫއުތަކަށް ގާނޫނީ ގޮތުން ޒިންމާވާންޖެހޭނީވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީންނެވެ.

އެހެންކަމުން ގާނޫނީ ގޮތުުން ބަލާއިރު, ކުންފުނީގެ ނަން ބަދަލުކުރުން އެހާ ފަސޭހަކަމެއް ނޫންކަން އެޗްޑީސީގެ ބޯޑަށް ވިސްނިގެން, ކުންފުނީގެ ނަން ބަދަލުނުކުރަން, 31 އޯގަސްޓް 2022 ގައި ނިންމިއެވެ. ނަމަވެސް އެ ދުވަހުގެ ބޯޑު ބައްދަލުވުމުގައި ބްރޭންޑް ނަމެއްގެ ގޮތުގައި "އަރބަންކޯ" ބޭނުންކޮށް, ނަން ތައާރަފްކުރަން ނިންމިއެވެ.

އެކުންފުނިން ބުނީ "އަރބަންކޯ" ބްރޭޑް ނަމެއްގެ ގޮތުގައި ތައާރަފްކުރަން ނިންމީ, ކުުންފުނީގެ މަސައްކަތަށް ގެނެވުނު ބަދަލު, ކުންފުނީގެ ނަމަށާއި ބްރޭންޑަށް ގެންނަން ބޭނުންވާތީއެވެ.

ބްރޭންޑް އިސްތިހާރު ކުރަން އެކަނިވެސް 1.7 މިލިއަން ރުފިޔާ

ކުންފުނީގެ ނަން ބަދަލުނުކުރެވުނު ނަމަވެސް, ބްރޭންޑް ނަމެއްގެ ގޮތުގައި 'އާރބަންކޯ" ކިޔާ, އެ ނަމަށް ކުންފުނި ރީބްރޭންޑް ކުރީ މި އެޕްރީލް މަހުގެ 1 ވަނަ ދުވަހުގައެވެ. ރީބްރޭންޑް ކުރުމުގެ މަސައްކަތް ކުރީ, ތިންކް އެސޯސިއޭޓްސް އިންނެވެ. ނަމާއި ލޯގޯ ހެދުމަށް 150,000 ރުފިޔާ ހަރަދުކުރިއެވެ.

ނަމަވެސް ލައްކައަކަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ހެދި ލޯގޯ ހާމަކުރުމާއެކު އެއީ ކޮޕީ ލޯގޯއެއްކަމަށް ބުނެ, ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. އަރބަންކޯގެ ލޯގޯއަކީ އިންސްޓެގްރާމްގައި މަޝްހޫރު އަޕްޝޫޓްގެ ލޯގޯގެ ކޮޕީއެއް ކަމަށާއި އެއީ އެޗްޑީސީން ހިންގި ބޮޑު ސްކޭމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެއެވެ. ނަމަވެސް އެ ކަމަށް އެޗްޑީސީން ވަކިއެއްޗެއް ނުބުނެއެވެ.

ލޯގޯއާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ ލޯގޯއިން ތަމްސީލް ކޮށްދެނީ ޓެކްނޮލޮޖީއާއި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާއި ގުޅިގެން ކަންކަން ކުރިއަށް ގެންދެވޭ ކުރިއަރަމުން އަންނަ އާރބަން ސިޓީތަކެއް ކަމަށެވެ.

އަޕްޝޫޓް ލޯގޯއާއި އާބަންކޯގެ ލޯގޯ


އަރބަންކޯގެ ބްރޭންޑް ނަން ތަޢާރަފް ކުރީ 1 އޭޕްރީލް 2023 ގައި ބޭއްވި ބޮޑު ހަފްލާއެއްގައެވެ. ބްރޭންޑް ނަން ތަޢާރަފްކުރުމަށް ބޭއްވި ހަފްލާއަށް އެކަނިވެސް 3 ލައްކަ 43 ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިއެވެ.

އަދި މި ބްރޭންޑް އިސްތިހާރު ކުރަން ވީޑިއޯއާއި ފޮޓޯގެ އިތުރުން ނަންބޯޑުތަކާއި ސްޓިކާ ފަދަ ތެކެތީގެ އިތުރުން ގަލާމާއި ނޯޓު ފޮތް އަދި ކޮފީ މަގު ފަދަތަކެތި ތައްޔާރުކޮށްފައިވެއެވެ. އެހެންކަމުން ބްރޭންޑް އިސްތިހާރު ކުރަން މިިހާތަނަށް 1 މިިލިއަން 2 ލައްކަ 84 ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ބްރޭންޑް އިތުރަށް އިސްތިހާރު ކުރުމަށް އިތުރު 4 ލައްކަ 87 ހާސް ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެއެވެ. އެހެންކަމުން ހަމައެކަނި ބްރޭންޑް އިސްތިހާރުކުރަން 1.7 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.

އެޗްޑީސީން ހާމަކުރި ތަފާސް ހިސާބުތަކުގައި ކުންްފުނީގެ 1600 ވުރެ ގިނަ މުވައްޒަފުން ބޭނުން ކުރަމުން ދިޔަ އެޗްޑީސީގެ ޓީޝާޓްތައް އަލުން ބަދަލުކުރުން ފަދަ ހަރަދުތައް ހިމަނާފައެއް ނުވެއެވެ. އެހެން ކަމުން ރީބްރޭންޑާ ގުޅިގެން ކުރި ހަރަދުތައް 1.7 މިލިއަނަށްވުރެ މާ ބޮޑުވާނެކަމަށް ބެލެވެއެވެ.

ހިޔާލު


ގުޅުންހުރި