ރާއްޖެސަރުކާރު

އެޗްޑީސީގެ ވެރިންނަށް އަމާޒުކޮށް ނުއަގުގައި ފްލެޓް ވިއްކާ މައްސަލައެއް

22/04/2023

ޒައިން ރަޝީދު

ފައިލް ފޮޓޯ: އެޗްޑީސީ (އަރބަންކޯ) ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް - ފޮޓޯ: އެޗްޑީސީ


ޝެއަރ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނުވަތަ އަރބަންކޯގެ ބޯޑު ޑިރެކްޓަރުންނާއި އެތަނުގެ އިސްވެރިންނަށް އަމާޒުކޮށް ނުއަގުގައި ފްލެޓްތަކެއް ވިއްކަން މަސައްކަތް ކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން, ބިމުގެ ކުލީގެ ގޮތުގައި އެޗްޑީސީއާ ހަވާލުކޮށްފައިވާ މިކްސްޑް ރެސިޑެންޝިއަލް ފްލެޓްތަކުގެ ތެރެއިން 34 ފްލެޓް އެޗްޑީސީގެ އިސްވެރިންނަށް ވިއްކުމަށް ވަނީ ނިންމާފައެވެ. އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު މުވައްޒަފުންނަށް ފޮނުވި މެމޯގައި ވަނީ މުވައްޒަފުންގެ ތެރެއިން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް އެދިފައެވެ.

ނަމަވެސް މެމޯގައި ޝަރުތުތަކެއް ބަޔާންކޮށްފައިވެއެވެ. އެއީ އެތަނުގެ މުވަައްޒަފެއް ނުވަތަ އެތަނުގެ ބޯޑު ޑިރެކްޓަރެއް ކަމުގައިވުމެވެ. އަދި ބޯޑު ޑިރެކްޓަރުންނާއި އިސްވެރިން އިސްތިސްނާ ވާގޮތަށް ޖޫނިއަރ މުވައްޒަފުން ވާންޖެހޭނީ 3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ. މި ފްލެޓްތަކަށް 12 މަސް ދުވަހުގެ ތެެރޭގައި ފައިސާ ދައްކާ ހަލާސް ކުރަންޖެހެއެވެ.

ފްލެޓްތައް ވިއްކަނީ ނުއަގުގައި!

އެޗްޑީސީން އެތަނުގެ ވެރިންނަށް ފަހިވާ ގޮތަށް ވިއްކަން ހުޅުވާލި 34 ފްލެޓަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްޤީކުރަމުންދާ 4 މަޝްރޫޢުއަކުން، އެ މަޝްރޫޢުތައް ހިންގުމަށް އެޗްޑީސީން ދީފައިވާ ބިމުގެ އަގުގެ ބަދަލުގައި އެޗްޑީސީއަށް ދީފައިވާ ޔުނިޓްތަކެކެވެ. ހުޅުމާލޭ ބިމަކީ ރައްޔިތުުންގެ ފައިސާއިން ހިއްކާފައިވާ ބިންކަމަށްވާތީ, ފްލެޓް އެޅުމަށް ހަވާލުކުރިއިރު ސަރުކާރުން ބުނެފައިވަނީ ސަރުކާރަށް ލިބޭ ފްލެޓްތައް ވިއްކާނީ ހެޔޮ އަގުގައި އާންމު ރައްޔިތުންނަށް ކަމަށެވެ.

ނަމަވެސް, ސަރުކާރަށް ލިބުނު މި ފްލެޓްތައް ވިއްކަން އެޗްޑީސީން ކަނޑައަޅާފައިވަނީ އެތަނުގެ ވެރިންނަށެވެ. އަދި ފްލެޓް ވިއްކަނީވެސް ނުއަގުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ, 3 ކޮޓަރީގެ މިކްސްޑް ރެސިޑެންޝަލް އެޕާޓްމެންޓެއް ވިއްކަނީ 2.3 މިލިއަން ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކަނީ 1.8 މިިލިއަން ރުފިޔާއަށެވެ.

މިއީ މިހާރު މާލޭ ސަރަހައްދުގެ އެޕާޓްމަންޓްތަކުގެ މާކެޓް ރޭޓަށް ބަލާއިރު ވަރަށް ދަށް އަގެއެވެ. މާކެޓްގައި 3 ކޮޓަރީގެ މިކްސްޑް ރެސިޑެންޝަލް އެޕާޓްމަންޓެއް އުޅެނީ 4.5 މިލިއަން ރުފިޔާއަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއް އުޅެނީ 2.5 މިލިއަން ރުފިޔާއަށެވެ.

އަދި މި ފްލެޓްތައް ނުއަގުގައި ވިއްކަން ހުޅުވާލިއިރު ޝަރުތު ކަނޑައަޅާފައިވާ ގޮތުން އެޗްޑީސީގެ އާދައިގެ މުވައްޒަފަކަށް މި ފްލެޓްތައް ނުގަނެވޭނެއެވެ. އެގޮތުން ފްލެޓްތަކަށް 12 މަސް ދުވަސްތެރޭގަައި ފައިސާ ދައްކަން ޖެހޭއިރު, ފްލެޓް ގަތުމަށް ބޭންކު މެދުވެރިކޮށް ލޯނު ހަމަޖެއްސުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ޝަރުތުތައް ކަނޑައަޅާފައިވާ ގޮތުން ވަކިބަޔަކަށް އަމާޒުކޮށް ވިއްކަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އާންމު ގޮތެއްގައި ކުންފުނިތަކުގެ ހައުސިންގ ސްކީމް ފަދަ ހިދުމަތް ދެނީ ކުންފުނި ނުވަތަ އެ މުއައްސަސާއެއްގެ ދާއިމީ ވަޒީފާގައި މަދުވެގެން 2 އަހަރު އުޅޭ ފަރާތްތަކަށެވެ. އެގޮތަށް އުސޫލު ކަނޑައަޅާފައިވަނީ މުވައްޒަފުންގެ މަސައްކަތު އަޚުލާގު ދެނެގަތުމަށާއި މުއައްސަސާތަކުން ދޭ ފްލެޓް ފަދަ ހިދުމަތްތަކަށް އަމާޒުކޮށް ވަޒީފާއަށް ވަންނަ މުވައްޒަފުން މަދުކުރުމަށެވެ.

ނަމަވެސް އެޗްޑީސީގެ ޝަރުތުގައި ވަނީ ޕްރޮބޭޝަންގެ 3 މަސް ނިމިފައިވާ ކޮންމެ މުވައްޒަފެއް ހިމެނޭ އަދި ވެރިން ޕްރޮބޭޝަންގެ 3 މަސްވެސް ހަމަ ކުރަންވެސްނުޖެހޭ ގޮތަށެވެ. އެހެންކަމުން މިގޮތަށް ޝަރުތު ކަނޑައެޅުމުން އެޗްޑީސީއަށް ވެއްދި ހުރިހާ ސިޔާސީ ވެރިން އެޕާޓްމަންޓް ގަތުމަށް ޝަރުތުހަމަވާނެއެވެ.

އެޗްޑީސީން މެމޯ ދޮގޮއް ނުކުރި!

އެޗްޑީސީއަށް އަމާޒުކޮށް ފާއިތުވި 2 ދުވަހު ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ނުރުހުންތަކާއި ގުޅިގެން މިއަދު އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ފްލެޓް ލިބުނުކަމަށް ބުނެ ފަތުރާ ލިސްޓަކީ ދޮގެއް ކަމަށެވެ.

އެޗްޑީސީން އެހެން ވިދާޅުވިޔަސް ސޯޝަލް މީޑިއާގައި ފަތުރަނީ ހަމައެކަނި ލިސްޓެއް ނޫނެވެ. އެޗްޑީސީން ހުރިހާ މުވައްޒަފުންނަށް 20 އޭޕްރީލް 2023 ގައި ފޮނުވި މެމޯވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި އެޗްޑީސީގެ ބަޔާނުގައި އެއީ ސައްޙަ މެމޯއެއް ނޫންކަމަށް ބުނެފައެއް ނުވެއެވެ. އެޗްޑީސީގެ މެމޯގެ ކޮޕީއެއް 'ސުކުން'އަށް ލިބިފައިވާއިރު, ސޯޝަލް މީޑިއާގައި ދައުރުވާ މެމޯއަކީ ސައްހަ މެމޯއެއްކަން އެނގެއެވެ.

"ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން ޔުނިޓް، މި ކޯޕަރޭޝަންގެ މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލުމާއިބެހޭ ގޮތުން 20 އޭޕްރިލް 2023 ވަނަ ދުވަހު ހުރިހާ މުވައްޒަފުންނަށް ނެރެފައިވާ މެމޯއާއި ގުޅިގެން ދަންނަވަމެވެ. މުވައްޒަފުންނަށް ވިއްކުމަށް ހުޅުވާލެވިފައިވާ ޔުނިޓްތަކަކީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްޤީކުރަމުންދާ 4 މަޝްރޫޢުއަކުން، މި ކޯޕަރޭޝަންއަށް އެ މަޝްރޫޢުތައް ހިންގުމަށް ދެވިފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ލިބިފައިވާ ޔުނިޓްތަކެކެވެ." އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިމިވީ, އެޗްޑީސީ އަރބަންކޯގެ ނަމަށް ރީބްރޭންޑްކުރުމަށް 1.7 މިލިއަން ޚަރަދުކުރިކަން މީޑިއާއަށް ތިލަވިތާ 2 ދުވަސް ނުވަނީހެވެ. އަދި މިމަހުގެ ކުރީކޮޅު އެޗްޑީސީގެ މުވައްޒަފަކު އެތަނުގެ ތިޖޫރީން ވައްކަންކޮށްގެން ކަނޑާލިއިރު, 1.5 މިލިއަން ރުފިޔާއަށްވުރެގިނައިން ރިޝްވަތު ނަގާ ތިލަފުށިން ބިމެއް ވިއްކަން އުޅުނު އިތުރު މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިޔާލު


ގުޅުންހުރި