ދުނިޔެ

ޓުވިޓާ ވެރިފައި ކޮށްލަން މިހާރު ވަރަށް ފަސޭހަ, އެންމެ 8 ޑޮލަރަށް ކުރެވޭ

27/04/2023

ޒައިން ރަޝީދު


ޝެއަރ

ސޯޝަލް މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން ރާއްޖޭގައިވެސް މަގްބޫލު ޓުވިޓާގެ އެކައުންޓްތައް މިހާރު ވަރަށް ފަސޭހަކަމާއެކު ވެރިފައިކޮށްލެވެއެވެ.

ޓުވިޓާ ވެރިފިކޭޝަން މިހާ ފަސޭހަވީ އެލަން މަސްކް ޓުވިޓާ ގަތުމަށްފަހު, ޓުވިޓާއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ވެރިފިކޭޝަން ގަނެވޭ ގޮތަށް ގެނައި ބަދަލުގެ ސަބަބުން ނެވެ. މީގެ ކުރިން ޓުވިޓާއިން ވެރިފައި ކޮށްފައިވަނީ އެ ގައުމެއްގައި މަޝްހޫރު ނުވަތަ އާންމުކޮށް މީހުން ދަންނަ ފަރާތްތަކާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ހިންގާ އެކައުންޓްތަކެވެ. އަދި ނޫސްވެރިންނާއި މީޑިއާގެ އެކައުންޓްތަކެވެ.

ނަމަވެސް މިހާރު ކޮންމެ މީހަކަށްވެސް 8 ޑޮލަރު ދައްކައިގެން އެކައުންޓް ވެރިފައި ކޮށްލެވިދާނެއެވެ. 8 ޑޮލަރަށް ލިބެނީ ޓުވިޓާ ބްލޫ ކިޔާ ހިދުމަތެކެވެ. އޭގައި ވެރިފައިކުރުމާއި ދިގު ވީޑިއޯތައް ޓްވީޓްކުރުން ފަދަ ކަންކަން ހިމެނެއެވެ. މިހާރު ރާއްޖެއަށްވެސް ޓުވިޓާ ބްލޫގެ ހިދުމަތް ލިބެއެވެ. ކްރެޑިޓް ކާޑެއް ނުވަތަ ޑެބިޓް ކާޑު ބޭނުންކޮށްގެން ހިދުމަތަށް ފައިސާ ދެއްކޭނެއެވެ.

ނޫ ކުލައިގައި ހުންނަ ވެރިފިކޭޝަން ބެޖް ޓުވިޓާއިން ހާއްސަކޮށްފައިވަނީ ވަކިވަކި ފަރުދުންނަށެވެ. ނަމަވެސް ސަރުކާރާއި ވިޔަފާރިތަކަށް ވެރިފިކޭޝަން ބެޖުގެ ކުލަ ތަފާތެވެ. އަދި އެކަމަށް ދައްކަންޖެހޭ ފައިސާގެ އަދަދުވެސް ބޮޑެވެ.

ސަރުކާރާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކަށް ހާއްސަކޮށްފައިވަނީ އަޅިކުލައިގެ ވެރިފިކޭޝަން ބެޖެކެވެ. އެ ބެޖް ހޯދުމަށް މަހަކު 1000 ޑޮލަރު ދައްކަންޖެހެއެވެ. އަދި އެ މުއައްސަސާގެ ދަށުން ހުންނަ އިތުރު އެކައުންޓްތަކަށް ކޮންމެ މަހަކު 50 ޑޮލަރު ދައްކަންޖެހެއެވެ. ރާއްޖޭގެވެސް ބައެއް މުއައްސަސާތަކުންނާއި ވަޒީރު ބޭފުޅުން ވަނީ ފީ ދެއްކުމަށްފަހު އަޅި ކުލައިގެ ބެޖް ހޯދާފައެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ޓުވިޓާއިން ކަނޑައަޅާފައިވަނީ ރަންކުލައިގެ ބެޖެކެވެެ. ރަން ކުލައިގެ ބެޖް ހޯދުމަށް ކޮންމެ މަހަކު ވިޔަފާރިތަކުން 1,000 ޑޮލަރަށްވުރެ ގިނައިން ދައްކަން ޖެހެއެވެ.

މީގެ އިތުރުން ޓުވިޓާއިން ވަނީ ކުރިން ވެރިފައިކޮށްފައިވާ ހުރިހާ އެކައުންޓްތަކުން ވެރިފިކޭޝަން މި އޭޕްރީލް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދުއްވާލާފައެވެ. އެހެންކަމުން މިހާރު ޓުވިޓާ ވެރިފައިކުރެވޭނީ ފައިސާ ދައްކައިގެންނެވެ.

ހިޔާލު


ގުޅުންހުރި