ރާއްޖެސަރުކާރު

ޗާގޯސް މައްސަލަ: ރާއްޖެއަށްވީ ގެއްލުންތައް ނޫނީ ފައިދާ ތަ؟

28/04/2023

ޒައިން ރަޝީދު


ޝެއަރ

ރާއްޖެއާއި ޗާގޯސް އައިލޭންޑާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލާގެ ހުކުމް މިއަދު މެންދުރުފަހު ރާއްޖެ ގަޑިން 3:30 ގައި ވަނީ އިއްވާފައެވެ.

މި މައްސަލާގައި މޮރިޝަސް އިން ހުށަހަޅާފައިވަނީ ޗާގޯސް އައިލޭންޑުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ފުށުއުރާކަމަށް އެ ގައުމުން ބުނާ ސަރަހައްދުގެ އިން ވަކިކޮށްދިނުމަށެވެ.

މޮރިޝަސް އިން މި ގޮތަށް މި މައްސަލަ 2019 ގައި ހުށަހެޅި މުހިއްމު އެއް ސަބަބަކީ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެމީހުންގެ ރަށްތަކެއް ކަމަށް ބުނާ ބުނުމަށް ބާރުދީ އެކަން ކަށަވަރު ކުރުމަށެވެ.

މިއަދުގެ ހުކުމް: ރާއްޖެއަށް ވީ ފައިދާ އަކީ ކޮބާ!

މި މައްސަލާގައި ރާއްޖެއިން ވަކާލާތު ކުރީ ރާއްޖޭގެ ސަރަހައްދުކަމަށް (މެޕް 1) ގައިވާ ގޮތަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމާޔަތްކޮށް, އެސަރަހައްދަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ. އަދި މޮރިޝަސްއިން ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަމަށް ބުނެ މިންއަޅާފައިވާ ޕޮއިންޓް, ބެލެންހެމް ފަރުން ފެށިގެން އެކަން ނުކުރެވޭނެ ކަމަށް ރާއްޖެއިން ވަކާލާތުކުރިއެވެ. އަދި މިއަދުގެ ހުކުމްގައިވެސް, މޮރިޝަސްއިން ކަނޑައެޅި ބޭސްޕޮއިންޓުން ފެށިގެން މިންނޭޅޭނެކަމަށް ވަނީ ނިންމާފައެވެ. މިއީ މިއަދުގެ ހުކުމްގައި ރާއްޖެއާ އެއްކޮޅަށް ނިންމި ހަމައެކަނި ކަމެވެ. ރާއްޖެއިން ދެން ހުށަހެޅި ހުރިހާ ކަމެއް, އިޓްލޮސް އިން ނިންމީ ރާއްޖެއާ ދެކޮޅަށެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުއޮތް ކަމަށް ކަށަވަރުނުވުން

2019 ވަނަ އަަހަރު މި މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖެއިން ހުށަހެޅި މައިގަނޑު މުހިއްމު އެއް ކަމަކީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުއޮތް ކަމަށް ނުނިމޭކަމަށް ބުނެ ހުށަހެޅި މައްސަލައެވެ. އެގޮތުން މޮރިޝަސްގެ ސިޔާދަތީ ބާރުއޮތް ކަމަށް ބަލައިގަތުމަށް, އައިސީޖޭއާއި 2019 ވަނަ އަހަރު ނެގުނު އދގެ އާންމު މަޖިލީހުގެ ވޯޓުގެ ވާހަކަ ރާއްޖެއިން ދައްކާފައިވެއެވެ. އަދި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނުނިންމެނީސް މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ރާއްޖެއިން ވަކާލާތުކޮށްފައިވެއެވެ.

ޗާގޯސް ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބުނެ, 2019 ވަނަ އަހަރު އދގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. އެ ވޯޓަށްފަހު ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ ޗާގޮސް އައިލޭންޑް މައްސަލާގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅުވަނީ އެއީ ޗާގޯސް މައްސަލައިގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޮޑުބައެއް ގެއްލިދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ޑިކޮލޮނައިޒޭޝަނަށް ތާއީދުކޮށް އެކަމަށް ވަކާލާތުކުރިއަސް ޗާގޯސް މައްސަލައަކީ އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރުގެ އިތުރުން މުޅި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށް ރާއްޖެއިން އޭރު ބުނެފައިވެއެވެ. 2019 ވަނަ އަހަރު ބޭއްވި އދގެ އާންމު މަޖިލީހުގައި މޮރިޝަސްއާ ދެކޮޅު ވޯޓަށްފަހު ރާއްޖެއިން އދ ގައި އިއްވި ބަޔާނުގައިވެސް މިކަން މިގޮތަށް ފާހަގަކޮށްފައިވެއެވެ.

"ރާއްޖެއިން ދެކޭ ގޮތުގައި ޗާގޯސް ރަށްތަކުގެ މައްސަލައަކީ އޭގެ ސަބަބުން ރާއްޖޭގެ މިނިސްވަންކަމާއި ސިޔާދަތީ ބާރާއި އަދި މުޅި އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައެއް" އދގައި ރާއްޖެއިން އިއްވި ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތަށް މިކަންއޮތްވާ, އަދި މީގެ މައްޗަށް ބިނާކޮށް އިޓްލޮސްގައި ރާއްޖެއިން ވަކާލާތުކުރަމުންދަނިކޮށް, ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާ, ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުއޮތް ކަމަށް ދިވެހި ސަރުކާރުން ގާބޫލުކުރާކަމަށް ވިދާޅުވެ, ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ދިވެހި ސަރުކާރުން ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަށް ހަވާލާދީ, މިއަދުގެ ހުކުމްގައި ބުނެފައިވަނީ އެ ސިޓީފުޅުގެ ސަބަބުން, ރާއްޖެއިން މޮރިޝަސްއާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތު ބަދަލުވެއްޖެކަން ހާމަވާކަމަށެވެ. އަދި ރާއްޖެއިން ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުއޮތް ކަމަށް ގަބޫލުކުރާކަމަށް ބުނެފައިވެއެވެ. އެހެންކަމުން ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ކަމަށްބުނާ ސަރަހައްދު ހަމަހަމައަށް (އިކުއިޑިސްޓެންސް) ކޮށް ބަހާލުމަށް އިޓްލޮސްއިން ވަނީ ނިންމާފައެވެ.

މެޕް: ރާއްޖޭގެ ސަރަހައްދާއި ފުށު އަރާ ސަރަހައްދު


މީގެ އިތުރުންވެސް އިޓްލޮސްއަށް މޮރިޝަސްއިން މައްސަލަ ވެއްދީވެސް މައްސަލަ ވައްދަން ކަނޑައަޅާފައިވާ މުއްދަތުގައި ނޫންކަމަށް ރާއްޖެއިން ވަކާލާތުކުރިއެވެެ. އެކަންވެސް އިޓްލޮސްއިން ބަލައެއް ނުގަތެވެ.

ހަމަހަމަކޮށް ބަހާލުން, ރާއްޖެއަށް ވަނީ ގެއްލުން!

ޗާގޯސް މައްސަލާގައި ސަރުކާރުން އެއްވެސް އިރެއްގައި ހަމަހަމަކޮށް ބަހަން ޖެހިއްޖެ ހާލަތެއްގައި ބަހަން ދެކޮޅު ހަދާފައެއް ނުވެއެވެ. ހުރިހާ ސަރުކާރަކުންވެސް ދިޔައީ އެ ގޮތަށް ބަހަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ތައްޔާރުވަމުންނެވެ. ނަމަވެސް މީގެ ކުރީގެ ސަރުކާރު ތަކުން މަސައްކަތް ކޮށްފައިވަނީ އެފަދަ ހާލަތަކަށް ނުގެންދިއުމަށެވެ. އެގޮތުން ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި, ކަނޑަށް ބަރޯސާވާ ރައްޔިތުންތަކެއް އުޅޭ ގައުމަކަށްވާތީ, އެކަމަށް ރިޢާޔަތްކޮށް ބައިނަލްއަޤުވާމީ މުއާހަދާތަކާއި އުސޫލުތަކުގެ ތެރެއިން ރާއްޖެއަށް ލިބެން ހުރި ފުރުސަތުތައް ހޯދާ, އެ ކަންކަންކަމުުގެ މައްޗަށް ވަކާލާތުކުރުމަށެވެ.

އެފަދަ ފުރުސަތުތައް ރާއްޖެއަށް ލިބޭނީ, ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ނޫންކަމަށް ރާއްޖެއިން ބުނާ ބުނުމާއި, ޗާގޯސްގައި އެއްވެސް އިގްތިސާދީ މަަސައްކަތެއް ނުކުރާކަމާއި, އެތަނުގައި އެއްވެސް ބަޔަކު ދިރިނުއުޅޭކަމާއި މޮރިޝަސްއިން ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތުގެ މައްޗަށް ރިއާޔާތްކޮށެވެ. ނަމަވެސް ރާއްޖެއިން ސިޔާސަތު ބަދަލުކޮށް, ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްކަމަށް ގަބޫލުކުރުމާއެކު ރާއްޖެއަށް އޮތް އެފަދަ ފުރުސަތުތަކުން ރާއްޖެ މަހްރޫމްވީ އެވެ. އަދި މޮރިޝަސްއިން ބޭނުންވި ގޮތަށް, އިގްތިސާދީ ސަރަހައްދުން ފުށުއަރާކަމަށް ބުނާ ސަރަހައްދު ބައިކުރަން ނިންމީއެވެ. އަދި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަން އިތުރަށް ކަށަވަރުވެ, ޗޯގޯސް ހޯދުމަށް މޮރިޝަސްއިން ކުރަމުންދާ މަސައްކަތް އިތުރު ހިތްވަރެއް ލިބުނީއެވެ.

މީގެ ސަބަބުން ކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ރާއްޖެއިން ދެކި ދެކުނުގެ މަސްވެރިން ބޭނުންކުރަމުން އައި 200 ނޮޓިކަލް މޭލުގެ ތެރެއިން 44,000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ރާއްޖެއަށް ގެއްލިފައެވެ. ރާއްޖެއަށް ގެއްލުނު ސަރަހައްދަކީ މީގެ ކުރިން ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުންއައި, އަދި އެމެރިކާގެ އަސްކަރިއްޔާއިން ބަލަހައްޓަމުން އަންނަ ސަރަހައްދެކެވެ. މިއަދުގެ ނިންމުމާ ގުޅިގެން ދެން އެސަރަހައްދު ވެގެންދާނީ މޮރިޝަސްގެ ސަރަހައްދަކަށެވެ.

އެނގުން މުހިއްމު ބައެއް ކަންކަން:

1. މި މައްސަލާގައި ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މޮރިޝަސްއާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތު ބަދަލު ނުވާކަމަށެވެ. އަދި އެއީ އިދިކޮޅުން ފަތުރާ ދޮގެއްކަމަށް ބުނެ, ފާޑުވިދާޅުވެފައިވެއެވެ. ނަމަަވެސް ރައީސުލްޖުމްހުރިއްޔާގެ ސިޓީ ފުޅުގެ ސަބަބަބުން ރާއްޖޭގެ ސިޔާސަތު ބަދަލުވެއްޖެކަން އިޓްލޮސްއިން އާންމުކޮށްފައިވާ ލިޔުންތަކުން އެނގެއެވެ. އަދި އެ ލިޔުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަށް ހަވާލާދީފައިވެސްވެއެވެ.

2. ރާއްޖެއިން އަބަދުވެސް ވަކާލާތުކުރީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ދެކޭ ސަރަހައްދު ރާއްޖެއަށް ލިބެންޖެހޭނެކަމަށެވެ. އަދި ވަކާލާތުކުރީވެސް އެގޮތަށެވެ. ނަމަވެސް ސިޔާސަތު ބަދަލުވުމުން, އަދި ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ރާއްޖެއިން ބަލައިގަތުމުން ރާއްޖެއަށް އޮތް ހުރިހާ ފުރުސަތެއް ގެއްލުނީއެވެ. އަދި ސަރަހައްދު ހަމަހަމަ އުސޫލުން ބަހަންޖެހުނީއެވެ.

3. މިމައްސަލާގައި އިދިކޮޅުގެ ސިޔާސަތުވެސް ރަނގަޅެއް ނޫނެވެ. އެއީ 2019 ވަނަ އަހަރު ރާއްޖެއިން އދގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުމުން, ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށްބުނެ އިދިކޮޅުން ބަޔާންނެރުނެވެ. އޭރު އިދިކޮޅުން ވަކާލާތު ކުރީ މޮރިޝަސްއާ އެއްކޮޅަށެވެ. ނަމަވެސް އޭރު ސަރުކާރުން ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ.

4. މިއަދުގެ ހުކުމް އިއްވީ ރާއްޖޭގަޑިން 2:30 އިން ފެށިގެންނެވެ. ހުކުމް އިއްވާ ނިމުނީ 3:30 ގައެވެ. ނަމަވެސް ހުކުމް އިއްވާ ނުނިމެނީސް ރާއްޖޭގެ ނޫސްތަކުގައި ހުކުމް އިއްވީ ސަރުކާރުން ބޭނުންވި ގޮތަށްކަމަށާއި ރާއްޖެއަށް ބޮޑުބައި ލިިބިއްޖެކަމަށް ބުނެ ހަބަރުތައް ޝާއިއުކުރަން ފަށައިފިއެވެ. ހުރިހާ ނޫހެއްގައި ހުރީ އެއް ގޮތަކަށް ލިޔެފައިހުރި ލިޔުންތަކެވެ. އަދި ހުކުމް އިއްވާ ނުނިމެނީސް ވަޒީރުންނާއި އެކްޓިވިސްޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ކިޔާ ޓުވީޓްކުރަން ފަށައިފިއެވެ.

5. މި މައްސަލާގައި ހިމެނޭ ހުރިހާ ލިޔެ ކިޔުންތައް އިޓްލޮސްގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ. މި ލިޔުންތައް ކިޔުއްވާށެވެ.

ހިޔާލު


ގުޅުންހުރި