ރާއްޖެސަރުކާރު

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިން 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަަޑައިގެންފި

01/05/2023

ޒައިން ރަޝީދު


ޝެއަރ

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިން ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަަޑައިގެންފިއެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ނުފޫޒުގަދަ ބޭފުޅެއްކަމަށްވާ ރާޖްނާތު ރާއްޖެއަށް ކުރައްވާ މިދަތުރުޅުގައި މިއަދު ހަވީރު ވަނީ 3 ނޮވެމްބަރުގެ ހަނދާނީ ބިނާއަށް ޒިޔާރަތް ކުރައްވާ އެދުވަހު ޝަހީދުވި ދިވެހި ސިފައިންނަށް އިހްތިރާމް އަދާކުރައްވާފައެވެ.

އަދި އެއަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއެކު ރަސްމީ ބައްދަލުކުރެއްވުން ބޭއްވެވިއެވެ. ޑިފެންސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އިތުރަށް އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެޤައުމުގެ ދިފާޢީ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި ސަރަޙައްދުގެ ސުލްޙަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.


އަދި މީގެ އިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި އަދި ދެޤައުމު ގުޅިގެން ޤާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރާޖްނާތް ސިން ވަނީ މިރޭ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދުއާވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ބޭފުޅުންގެ ވަނީ ދެގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.


ރާޖްނާތު ސިން ރާއްޖެއަށް މި ވަޑައިގަތީ މޮރިޝަސްއާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިޓްލޮސްއިން ނިންމާ, ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން 40,000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގެއްލުމާ ގުޅިގެން ވަރަށް ބޮޑަށް ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިވެ, ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އަދި މޮރިޝަސްއާ ދެކޮޅަށް ރާއްޖެއިން ގެންގުޅުނު ޒަމާންވީ ސިޔާސަތު ރާއްޖެއިން ބަދަލުކުރީ އިންޑިއާ އަޑީގައި އޮވެގެން ކަމަށް ރާއްޖޭގެ ސިޔާސީ ބައެއް ވެރިންދަނީ ތުހުމަތުކުރަމުންނެވެ.

އަދި އެކަމުގެ އިސްކޮށް އުޅުއްވީ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ކަމަށާއި ޝާހިދު 500 މިލިއަން ޑޮލަރުގެ ރިޝްވަތު އެކަމަށް ނަގާފައިވާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލީހުގެ މެންބަރުންވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި