ރާއްޖެސަރުކާރު

ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުން, ނަތީޖާ ނެރެވިދާނެ ތަ؟

16/12/2023

ޒައިން ރަޝީދު


ޝެއަރ

އިއްޔެ ސަރުކާރުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކޮށްފައެވެ.

ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވެބްސައިޓްތައް ބްލޮކު ކުރީ, އެފަދަ ސައިޓްތައް ބްލޮކްކުރަން ސަރުކާރުން އެންގުމުންނެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ބަރަހަނާ ސައިޓްތައް ބްލޮކްކުރަން ސަރުކާރުން ނިންމިކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ސަރުކާރުން އެކަން ކޮށްފައިވަނީ ހަރުދަނާ ޕްލޭނެއްގެ ތެރެއިން ކަމާމެދު ސުވާލު އުފެދޭކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ ހަޤީޤަތުގައި ބްލޮކްކުރީ އާންމުކޮށް މީހުން ވަންނަ ދެތިން ސައިޓެކެވެ.

ބަހަރަހަނާ ވެބްސައިޓުތަކުގެ އަދަދު ބިލިއަނުން ގުނާލެވޭއިރު, އެންމެ 3 ވެބްސައިޓް ރާއްޖޭގައި ބްލޮކްކުރީ ސިޔާސީ ބޭނުމަކަށް ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އަދި މި ވެބްސައިޓްތައް ބްލޮކް ކުރިކަމަށް ބުނެ ޚަބަރު ފެތުރުމުން ސައިޓްތަަކަށް ވަދެވޭތޯ ބެލުމަށް ގިނަ އަދަދެއްގެ މީހުން ރޭ ސައިޓްތަކަށް ވަންނަން މަސައްކަތް ކުރިކަމަށް ގޫގުލް ޓްރެންސްގެ ތަފާސް ހިސާބުތަކުންވެސް ދައްކައެވެ.

ބަރަހަނާ ސައިޓުތައް ބްލޮކް ކޮށްފިކަމަށް ސަރުކާރުުން ބުނި ނަމަވެސް, އަދިވެސް ރާއްޖޭގައި އެފަދަ ސައިޓްތަކަށް އެއްވެސް ހުރަހެއްނެތި ވަދެވެއެވެ.

ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް މިހާރު ފަތުރަނީ ހަމައެކަނި ސައިޓްތައް މެދުވެރިކޮށެއް ނޫނެވެ. ސޯޝަލް މީޑިއާގެ ސައިޓްތަކުންވެސް ބަރަހަނާ މަންޒަރާއި ވިޑިއޯތައް ދަނީ ފަތުރަމުންނެވެ. އެހެންކަމުން އެ މަންޒަރުތައް އެއްކޮށް ބްލޮކްކުރުމަކީ ކުރަން އުނދަގޫ އަދި ބޮޑެތި ޚަރަދު ކުރަންޖެހޭ ކަމެކެވެ. އަދި ރާއްޖެ ފަދަ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ޤައުމެއްގައި ސޯޝަލް މީޑިއާ ސައިޓްތައް ބްލޮކް ކުރުމަކީ ފަސޭހަ ކަމަކަށްވެސް ނުވާނެއެވެ.

ބަރަހަނާ ސައިޓްތަށް ބްލޮކްކުރުމަކީ ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ބުނެ, ސަރުކާރުގެ އިސްވެރިން ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ތަޢުފީރު ކުރަމުންނެވެ. އަދި މިއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.

ސައިޓްތައް ބްލޮކްކުރަން ކުރީ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނުވާއިރު, ސައިޓްތައް ބްލޮކްކުރުމަކީ އޭގެ ނަތީޖާ ނެރެވިދާނެ ކަމެއްކަމާމެދު ސުވާލު އުފެދެއެވެ.

ހިޔާލު


ގުޅުންހުރި