ރާއްޖެސަރުކާރު

ބަނގްލަދޭޝްއިން މަސައްކަތު މީހުން ގެނެވޭ ގޮތް ހަދައިފި, އިދިކޮޅުން ކަންބޮޑުވުން

17/12/2023

ޒައިން ރަޝީދު


ޝެއަރ

ބަނގްލަދޭޝްއިން މަސަައްކަތު މީހުން ރާއްޖެ ގެނެވޭ ގޮތަށް ސަރުކާރުން މިއަދު ހަދައިފިއެވެ.

އިމިގްރޭޝަންގެ ބެލެނިވެރި ވުޒާރާ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ބަނގްލަދޭޝް އިން އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބަނގްލަދޭޝް ފިޔަވާ އެހެން ގައުމުތަކުން ލޭބަރުން ގެނައުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2019 ގެ ކުރިން ބަނގްލަދޭޝް މީހުންގެ ވަގުފާރީގެ ވިޔަފާރިއަކީ ބަޔަކު ކުރަމުންދިޔަ އަހަރަކު އެތައް ބިލިއަން ރުފިޔާގެ މުޑުދާރު ވިޔަފާރިއެއް ކަމަށެވެ. އަދި 5 އަހަރު އެ ވިޔަފާރި ހުއްޓުވާފަ އޮވެ, އަލުން ޤާނޫނާ ހިލާފަށް މިކަން ހުޅުވާލުމަކީ ޤައުމީ ސަލާމަތަށް އަދި ދިވެހި އިޤްތިސާދާއި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއްކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ކޯޓާ ދޫކުރުމާއި އިމިގްރޭޝަން ހޯމް މިނިސްޓްރީ ދަށުގަ އޮވެ، ކޯޓާ ފްރޯޑްގެ ތުހުމަތުގައި ފުލުސް އޮފީހުގައި ކޭސް ފައިލް ކުރެވިފައިވާ ފަރާތަކާ ކޯޓާގެ ކަންކަން ހަވާލުކޮށް, ޤާނޫނުގައި ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާ ޤައުމަކުން ޤާނޫނާ ޚިލާފަށް މީހުން އެތެރެކުރަން ނިންމުމަކީ ވަރަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ބަނގްދަލޭޝްގެ ލޭބަރުން ގެނެވޭ ގޮތް ހެދިއިރު, ވަޒީފާއާ ބެހޭ ގާނޫނު 65 ވަނަ މައްދާގެ (ހ)ގައި ބުނެފައިވަނީ ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނެ އަދަދަކީ 1 ލައްކަ ކަމަށެވެ. ޤާނޫނުގައި މިހެން ބަޔާންކޮށްފައިވާއިރު މިދިޔަ ނޮވެމްބަރު މަހުގެ 12 ގެ ނިޔަލަށް ބަންގްލަދޭޝްގެ 139,220 މީހުން ރާއްޖޭގައި ވަޒީފާ އަދާކުރާކަމަށް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ ނިންމުމާ ގުޅޭ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންއާ ނޫސްވެރިން މިއަދު ސުވާލުކުރުމުން އޭނާ ޖަވާބެއް ނުދެއްވިއެވެ. އޭނާ ވިދާޅުވީ އެކަން ސާފުކުރުމަށްފަހު އެ ސުވާލަށް ޖަވާބު ދެއްވާނެ ކަމަށެވެ.

ހިޔާލު


ގުޅުންހުރި