ރާއްޖެސަރުކާރު

ފުށިދިއްގަރުފަޅު ހިއްކުން: މޯލްޑިވްސް އީކޯ ސިޓީ, ރަސްމާލޭގެ ފެށުން

18/12/2023

ޒައިން ރަޝީދު


ޝެއަރ

މިއަދު މާލެ ސަރަޙައްދުން ހިއްކަންފެށި ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ "ރަސްމާލެ" ތަރައްޤީ ކުރާނީ ޒީރޯ ކާރބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ.

"މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ. އެހެންވީމާ، އިންޓަރނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިކިގެންދާނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާލޭގައި ތަރައްޤީކުރާ ހުރިހާ ވަސީލަތްތައް ޤާއިމުކުރުމުގައި ވެސް ތިމާވެއްޓާއި ރަށްޓެހި ގޮތްތައް ޚިޔާރުކުރައްވާނެ ކަމަށާއި، މިތަން ތަރައްޤީކުރާނީ ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާޙައުލެއް ބިނާކުރެވޭނެ ގޮތަކަށްކަމުގައި ސަރުކާރުން ވިދާޅުވެއެވެ.

މީގެ އިތުރުން، ރަސްމާލޭގައި ދުއްވާ އުޅަނދުފަހަރު ވެސް ވާނީ ތިމާވެށްޓާއި ރައްޓެހި ޙަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރަށެވެ. އަދި މުޅި ސިޓީ ހިންގުމުގައި ވެސް ބޭނުންކުރާނީ ޢިއާދަކުރަނިވި ޙަކަތައެވެ.

ރަސްމާލެ ތަރައްޤީކޮށް ނިމޭއިރު އެތަން ވާނީ ތިމާވެއްޓާއި ރަށްޓެހި، ފެހިކަން ގަދަ، އިކޯ ސިޓީއަކަށެވެ. އަދި، ރަސްމާލެ ބައިނަލްއަޤުވާމީ މައިދާނުގައި ބްރޭންޑް ކުރުމަށް ނިންމާފައިވަނީ، މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައެވެ.

ރަސްމާލެއަކީ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރާ ސިޓީއެކެވެ. އެގޮތުން ތަންތަން ޑިޒައިންކުރާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަސްމާލޭގެ ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ވަދެވޭގޮތަށެވެ.

"މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ހިއްކާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

ހިޔާލު


ގުޅުންހުރި