ރާއްޖެސަރުކާރު

ރާއްޖޭގެ ކަނޑު ސަރަހައްދުން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

19/12/2023

ޒައިން ރަޝީދު


ޝެއަރ

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް)ގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ، އެ މައްސަލަ ރިވިއުކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިގޮތުން ނިމިދިޔަ ސަރުކާރުން މިކަމުގައި ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފެންނާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 14 (ސާދަ) ހަފުތާގެ ތެރޭގައި ފުރިހަމަކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި މައްސަލާގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބަންޑާރަނައިބުގެ އޮފީހާއި ވަނީ ހަވާލުކުރައްވާފައެވެ.

އަދި އެނިންމުން ދިރާސާކޮށް، މި މައްސަލައާ ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށާފައިވާކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މި މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މިމަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ޚާއްޞަ ކޮމިޓީއެއް ވަނީ އެކުލަވާލައްވާފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީފުޅުވެސް ވަނީ އާންމުކޮށްފައެވެ.

މި ސިޓީފުޅުގައި:

- އދގެ އާންމު މަޖިލީހުގެ ގަރާރަށް ރާއްޖެއިން ތާއީދުކޮށް, ޗާގޯސް މައްސަލާގައި ރާއްޖެއިން ގެންގުޅޭ ސްޓޭންޑް ބަދަލުކޮށް, ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން ދޭކަމަށް ވިދާޅުވެފައިވޭ.

- އަދި ޑީކޮލޮނައިޒޭޝަންގެ (އިސްތިއުމާރީ ބާރުތަކާ ދެކޮޅު) ސިޔާސަތަކީ ރާއްޖެއިން އަބަދުވެސް ތާއީދު ކުރާ ސިޔާސަތެއް ކަމަށްވެސް ސިޓީފުޅުގައި ވިދާޅުވެފައިވޭ.

- މީގެ ކުރިން ރާއްޖެއިން މިމައްސަލާގައި ދެކޮޅު ހަދަމުން އައީ، 2010 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން ކޮމިޝަނަށް ހުށަހެޅި ކޮންޓިނެންޝަލް ޝެލްފްގެ އިންތަކާއި މޮރިޝަންސް އިން ދެކޮޅު ހެދުމުގެ ސަބަބުން ކަމަށާއި، ރާއްޖެއިން އދގެ އާންމު މަޖިލީހުގައި މޮރިޝަސްއާ ދެކޮޅަށް ދީފައިވާ ވޯޓުތަކުގައިވެސް, އެގޮތަށް ވޯޓު ދިން ސަބަބު ބަޔާންކޮށްފައިވާނޭ ކަމަށް ވިދާޅުވެފައިވޭ

- ސަރުކާރުގެ މި ނިންމުމަކީ އިޓްލޮސްގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑަށް އެއްވެސް އަސަރެއް ކުރާނެ ނިންމުމެއް ނޫންކަމަށާއި، އޭގެ އިތުރުން 2010 ވަނަ އަހަރު ރާއްޖެއިން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެޓްޝަލް ޝެލްފް" ހުށަހަޅާފައިވާ ހުށަހަހެޅުމަށްވެސް އަސަރެއް ނުކުރާނެކަމަށް ވިދާޅުވެފައިވޭ

- އަދި މޮރިޝަސްގެ ބޮޑުވަޒީރު ޗާގޮސްއަށް ރާއްޖޭގެ މަގުން ދަތުރުކުރުމަށް ބޭނުންވާނަމަ އެކަންފަހިކޮށްދެއްވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވެފައިވޭ

މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށާއި މިކަމާބެހޭ މަޢުލޫމާތު ޢާންމުކުރުމަށް ވެސް ބަންޑާރަނައިބު ނިންމަވާފައިވާކަމުގައި ނޫސްބަޔާނުގައި ވެއެވެ.

ހިޔާލު


ގުޅުންހުރި