ރާއްޖެސަރުކާރު

މޯދީއާއި އިންޑިއާއަށް މަލާމާތްކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފި

07/01/2024

ޒައިން ރަޝީދު


ޝެއަރ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާއަށް ނިސްބަތްކޮށް ހުތުރުބަހުން މަލާމަތްކޮށް ޓުވީޓްކުރި ތިން ޑެޕިއުޓީ މިނިސްޓަރުން މިއަދު ސަސްޕެންޑްކޮށްފިއެވެ.

ސަރުކާރުން މިއަދު ސަސްޕެންޑް ކުރީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ތިން ނައިބުން ކަމަށްވާ މަލްޝާ ޝަރީފްއާއި މަރްޔަމް ޝިޢުނާ އަދި ޢަބްދުﷲ މަޙްޒޫމް މާޖިދުއެވެ.

މިތިން ޑެޕިއުޓީން ވަނީ އިންޑިއާގެ ބައެއް ސޯޝަލް އެކްޓްވިސްޓުންނާއި ރާއްޖޭގެ ބައެއް ފަރާތްތަކާ ދެމެދު ސޯޝަލް މީޑިއާގައި މިހާރު ކުރިއަށްދާ ބަހުގެ ހަމަލާތަކުގައި ބައިވެރިވެ އިންޑިއާއާއި އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް ހުތުރުބަހުން މަލާމާތްކޮށްފައެވެ. އެއާ ގުޅިގެން އިންޑިއާގެ އެކްޓްވިސްޓުން ދަނީ އިންޑިއާއަށް މަލާމާތްކުރި އޮފިޝަލުން މަޤާމުން ވަކިކުރުމަށް ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން މިއަދު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ދެކޮޅަށް ބޭނުންކޮށްފައިވަނީ ހުތުރު ބަސްތަކެއްކަމަށާއި ނަމަވެސް އެއީ ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ނޫންކަމަށެވެ. އަދި ޑެޕިއުޓީ މިނިސްޓަރުން ހާމަކޮށްފައިވަނީ އެމީހުންގެ އަމިއްލަ ޚިޔާލުމަކަށާއި ނަމަވެސް ފިޔަަވަޅު އަޅަންޖެހޭ އޮފިޝަލުންނާމެދު ފިޔަވަޅު އަޅާނެކަމަށް ސަރުކާރުގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު އިންޑިއާގެ ސަރަހައްދެއްކަމަށްވާ ލަކްޝަދީޕަށް ވަޑައިގެން އެތަނުގައި ނަގާފައިވާ ވީޑިއޯއެއް އާންމުކުރުމާއެކު, އިންޑިއާއާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ އެއީ ރާއްޖެއާ ދެކޮޅަށް ފެށި ކެންޕެއިނެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އެ ވީޑިއޯގައި އެއްވެސް ވަރަކަށް ރާއްޖޭގެ ވާހަކައެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ. އަދި މޯދީ އިންޑިއާގެ އެހެން ސަރަހައްދުތަކަށް ކުރައްވާ ދަތުރުފުޅުތަކަށްފަހުވެސް އެފަދަ ވީޑިއޯތައް އާންމުކުރައްވައެވެ.

މީޑީއާ ރިޕޯޓްތަކާއެކު އިންޑިއާއާއި ރާއްޖޭގެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ދެ ގައުމާއި ދެ ގައުމުގެ ވެރިންނަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް މަލާމާތްކޮށް ބަހުގެ ހަމަލާތައް ދޭން ފަށާފައެވެ. މިކަމުގައި އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ބައިވެރިވާއިރު, ރާއްޖޭގެ ބައެއް މުއައްސަސާތަކުގެ ވެރިން ފެންވަރުގެ ބޭފުޅުންވެސް ދަނީ އިންޑިއާއަށް ބަހުގެ ހަމަލާތައް ދެމުންނެވެ.

އިންޑިއާގެ އެކްޓިވިސްޓުން އިސްވެ ރާއްޖެ ބޯއިކޮޓްކުރުމަށް ގޮވާލާ ފަށާފައިވާ މި ކެންޕެއިންގައި އިންޑިއާގެ ނޫސްވެރިިންނާއި ވިޔަފާރިވެރިންނާއި ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ދަނީ ބައިވެރިވެ ރާއްޖެ ބޯއިކޮޓްކުރުމަށް ގޮވާލަމުންނެވެ. އެގޮތުން މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރުވެސް ވަނީ ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ސަރަހައްދުތަކަށް ދަތުރުކުރުމަށް ގޮވާލާފައެވެ. މި ގޮވާލުމާއެކު އިންޑިއާގެ ގިނަ ފަތުރުވެރިން ދަނީ އެމީހުން ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުންނެވެ.

މިއީ އިންޑިއާ އިން މިގޮތަށް ރާއްޖެއާ ދެކޮޅަށް މިހާ ފާޅުކަންބޮޑުކޮށް ކުރިއަށް ގެންދާ އެންމެ ވަރުގަދަ އެއް ހަރަކާތެވެ. މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެެވެއެެެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްގައުމެވެ. މިދިޔަ އަހަރު އެކަނިވެސް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ހިޔާލު


ގުޅުންހުރި