ވިޔަފާރި

އެމްޑަބްލިއުއެސްސީން ކޮންޑުއިޓް ހޮޅި އުފައްދާ މާކެޓަށް ނެރެން ފަށައިފި

29/08/2024

ޒައިން ރަޝީދު


ޝެއަރ

އެމްޑަބްލިޔުއެސްސީން، ކަރަންޓް ވަޔަރ ކުރުމަށް ބޭނުންވާ ކޮންޑުއިޓް ޕައިޕް ރާއްޖޭގައި އަލަށް އުފައްދާ، ބާޒާރަށް ނެރެންފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮންޑުއިޓް ޕައިޕް ބާޒާރަށް ނެރެދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ.

އެމްޑަބްލިޔުއެސްސީ އިން ގުޅީފަޅުގައި 2015 ވަނަ އަހަރު ޤާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުޚާނާއިން ހަތަރު ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ވަނީ ނެރެފައެވެ. މިގޮތުން، ކަރަންޓް ވަޔަރިންގގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރއާއި، 20 މިލިމީޓަރއާއި، 25 މިލިމީޓަރއާއި، 32 މިލިމީޓަރގެ އިތުރުން 40 މިލިމީޓަރގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެއެވެ. އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައި.އެސް އޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުޙާނާއެކެވެ.

ރާއްޖޭގައި ކޮންޑުއިޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ގެދޮރު ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ކުންފުނިތަކާއި، ހާރޑްވެއަރ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެއެވެ. މިގޮތުން، ރާއްޖެ އިން ބޭރުން ހޮޅި ގެނައުމުގައި ލަސްވާ ލަސްވުން ފަދަ ކަންކަމުން ދިމާވާ ދަތިތައް ކުޑަކުރުމަށް އެހީތެރިވެ، އަދި ރާއްޖޭގެ އިޤްތިޞާދަށް މިކަމުގެ ހެޔޮ އަސަރު ކުރުމަށް މަގު ފަހިވެގެންދާނެކަމަށް އެމްޑަބްލިޔުއެސްސީ މައުލޫމާތުދެއެވެ.

ހިޔާލު


ގުޅުންހުރި