ރާއްޖެސަރުކާރު

މިނިސްޓްރީގެ މީޓިންގ ރޫމުގައި ޕީއެންސީގެ ފޯމުތައް ފުރިކަމަށް ސްޓޭޓް މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރު އިއުތިރާފުވެއްޖެ

21/01/2025

ޒައިން ރަޝީދު


ޝެއަރ

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުގެ މީޓިންގ ރޫމުގައި ޕީއެންސީގެ މެންބަރޝިޕް ފޯމްތައް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށް ހޯމް މިނިސްޓްރީގެ އިސްވެރިންތަކެއް އެއްބަސްވެއްޖެއެވެ.

ގިނަ ބަޔަކަށް ނޭގި އެމީހުން ޕީއެންސީއަށް ވައްދާފައިވާކަމުގެ ޝަކުވާތައް ކުރަމުންދާ މިދަނޑިވަޅުގައި، ޑީއެންއާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ އެ މިނިސްޓްރީގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުން، ޕީއެންސީއަށް މީހުން ވެއްދުމުގެ މަސައްކަތް ކޮށްދިނުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެދިވަޑައިގެންނެނެވުމުން އެމަސައްކަތް އެ ތަނުގެ ސިޔާސީ މުވައްޒަފުން ކުރިކަމަށެވެ. އަދި އޭނާ ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތަށް، ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ކުރީ ޑީއެންއާރުގެ މީޓިންގ ރޫމުގައިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޑިޕާޓްމަންޓް އޮފް ރެޖިސްޓްރޭޝަންއާ ހަވާލުވެ ހުންނެވި އަހުމަދު އާލީ ވިދާޅުވީ ޑީއެންއާރުގެ މީޓީންގ ރޫމް މިނިސްޓްރީން އެދިގެން ދޫކުރިކަމަށެވެ. ނަމަވެސް މީޓިންގ ރޫމުގައި ކުރީ ކޮން މަސައްކަތެއްކަމަށް އޭނާއަށް އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އޭނާ މީޓިންގ ރޫމަށް ދިޔައީ ޕިއްޒާކާން ކަމަށްވެސް ވިދާޅުވިއެވެ.

އާލީ އެހެން ވިދާޅުވި ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި މީޓިންގރޫމުގައި ފޯމު ފުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު ޑެޕިއުޓީ މިނިސްޓަރ އާލީވެސް މީޓިންގ ރޫމުގައި ހަރަކާތްތެރިވާތަން ފެނެއެވެ.

ވަކި ޕާޓީއެއްގެ މެންބަރޝިޕް އިތުރުކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރެއްވީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރަން ފެށުމުން އެ ދެބޭފުޅުންވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުން ނިމުނީ ކަމަށް ވިދާޅުވެ އެ ސަރަހައްދުން ވަޑައިގެންފައެވެ.

ޑީއެންއާރުގައި ހުރި ރައްޔިތުންގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދިކަމުގެ ބޮޑެތި ތުހުމަތުތައްކޮށް، އެކަމާ ގުޅޭ ބައެއް މައްސަލަތައް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުން ބަލަމުންދާ މި ދަނޑިވަޅުގައި ހޯމް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މަސައްކަތް ކުރީ، ޕީއެންސީގެ ފޯމުތައް ފުރުމުގައި ޑީއެންއާރުގައި ހުރި މައުލޫމާތު ބޭނުންނުކުރާކަމުގެ ޔަގީންކަން ދިނުމަށެވެ. ނަމަވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދެވި، ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ އެވެ.

ހިޔާލު


ގުޅުންހުރި