ރާއްޖެސަރުކާރު
ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މުވައްޒަފުންގެ އަޙްލާޤު ހިފަހައްޓައިދިން، މިއަދު ބޭނުންވަނީ އެކަން އިއާދަވާން: ފަހުމީ
29/01/2025
ޒައިން ރަޝީދު
ޝެއަރ
ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ޗެއާޕަރސަން ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އަންގާރަ ދުވަހު ބޭއްވި އެ ކްލަބްގެ އިފްތިތާޙީ ޖަލްސާގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިދިން ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށެވެ.
"ވަރަށް ގިނަގުނާ ކާމިޔާބީތަކެއް ސްޓެލްކޯއަށް އޭރުގެ ރެކްރިއޭޝަން ކްލަބުން ހޯއްދަވައިދެއްވި ކްލަބެއް ކްލަބަކީ. އޭގެ އެންމެ ބޮޑު ފައިދާއެއް ކުރީ ކްލަބަކަށް ނޫން. އޭރުގަ ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް. އޭރުގަ އިސްވެރިން ވަރަށްބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަޙްލާޤް ވަކި ގޮތަކަށް ބައްޓަންކުރުން. ކުންފުނީގެ ޑިސިޕްލިން ވަކި ގޮތަކަށް ހިފެހެއްޓުން... ގަޑިއެއް ނުޖެހޭނެ ދުވަހަކުވެސް. އަދި ކުންފުނީގެ ތެރޭގަ އެބޭފުޅުންގެ ބޭއަދަބީ ނުވަތަ އެބޭފުޅުން ގޯހޭ ބުނާނެ އެއްވެސް މުވައްޒަފަކު ނޫޅޭނެ. ނަމޫނާ މުވައްޒަފުންތަކެއް އޭރު ކުންފުނީގަ ތިބި ހުރިހާ ބޭފުޅުންނަކީވެސް. އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭގަ ކުޅިވަރު އޭރު ކުޅުއްވި ބޭފުޅުންނަކީ ނަމޫނާ، ކުޅިވަރުގެ ދާއިރާގަވެސް، މަސައްކަތުގެ ދާއިރާގަވެސް ނަމޫނާ މުވައްޒަފުންތަކެއް. މިހާރުވެސް އެބޭފުޅުން އެބަ ތިއްބެވި... މިއަދު އަޅުގަނޑުމެން ހަމަ އެ ކްލަބް ވުޖޫދަށް މި ގެނައީ. އަޅުގަނޑުމެން މެނޭޖްމަންޓުން ބޭނުންވަނީ ހަމަ އެ ވެލިއުޒްތައް އަނެއްކާވެސް ކްލަބުން އެޑްކޮށްދެއްވާށޭ ކުންފުނީގެ މުވައްޒަފުންގެ ތެރެއަށް" ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕަރސަން، ޢަބްދުﷲ ނާޡިރު ވިދާޅުވީ، އެސްއާރްސީ އަކީ ޤައުމީ ފެންވަރުގެ، ޚިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ، ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ޙަރަކާތްތަކަކީ މާޒީއެއް އޮތް، އަދި އެ މާޒީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ނަތީޖާތަކެއް ދައްކައިދީފަ އޮތް ކްލަބެއް އިނގޭތޯ. އެހެންވީމާ ކުންފުނީގެ މުވައްޒަފުންގެ ވަރަށްބޮޑު އުއްމީދެއް އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބް އަލުން އަނބުރާ ވުޖޫދަށް އައުމަކީ. އެއީ އަޅުގަނޑުމެންގެ މި ޚިދުމަތް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރުގަ، އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ޙަރަކާތްތައް ފެނިގެންދިޔައީ މުވައްޒަފުންގެ މެދުގަ އޮންނަންޖެހޭ އެއްބައިވަންތަކަމާ ކުޅިވަރުގެ ރޫޙުގެ ތެރެއިން އަޅުގަނޑުމެން ޚިދުމަތް ދިނުމަށް. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުގެ ބޯޑްރޫމް ތެރެއަށް ވަދެލީމަ. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން މިތަނުން އުފެއްދި، ކުޅިވަރުގެ ތެރެއިން އުފެއްދި ވަރަށް އަގުހުރި ޚިދުމަތްތެރިންނަށް ބަލާލީމަ. އެކިއެކި ދާއިރާތަކުގެ ވަރަށް ރަނގަޅު ޤައުމީ ފެންވަރުގެ ކުޅުންތެރިން އަޅުގަނޑުމެންގެ މި މުވައްޒަފުންގެ ތެރޭގަ ވަނީ އުފެދިފަ. އުފައްދަވާފަ. އެހެންވީމަ ޤައުމީ ފެންވަރުގަ ދިވެހިރާއްޖެ ބަލައިގަތް އަޅުގަނޑުމެންގެ ކުޅިވަރުގެ ޙަރަކާތްތައް، ރެކްރިއޭޝަން ކްލަބް" ނާޡިރު ވިދާޅުވިއެވެ.
ނާޡިރު ވިދާޅުވީ، މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އެސްއާރްސީގެ ހަރަކާތްތަކުގެ ތެރެއިން ކުރެވިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާއި، މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިޢުލާނުކޮށްފައިވެއެވެ. އަދި ކްލަބްގެ ވެބްސައިޓާއި ލަވަވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ. މީގެ އިތުރުން ކްލަބްގެ ޙަރަކާތްތައް ޕްރޮމޯޓްކުރުމަށާއި، ކްލަބް ކުރިއެރުވުމަށް ކަނޑައަޅާފައިވާ މަންދޫބުންނާއި އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފަރާތްތައް އިޢުލާނުކޮށް، އެ ފަރާތްތަކަށް ވަނީ ސެޓްފިކް ހަވާލުކޮށްފައެވެ.
ކްލަބްގެ ހިންގުން ހަރުދަނާކޮށް، ކްލަބް ހިންގުމުގައި މެންބަރުންގެ ބައިވެރިކަން އިތުރު ކުރުމަށާއި، ކްލަބްގެ ޙަރަކާތްތަކުގެ ތެރެއިން އެކިއެކި ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް އެމްބެސެޑަރުންކަނޑައަޅާފައިވާ އިރު، ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުޞަދުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ވިމެންސް ވިންގް އުފައްދައި، އެ ވިންގްގެ އެމްބެސެޑަރުންވެސް މި ޖަލްސާގައި ވަނީ ކަނޑައަޅާފައެވެ. އަންގާރަ ދުވަހު ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިފްތިތާޙީ ޖަލްސާގެ އިތުރުން ކްލަބްގެ އަހަރީ އާންމު ޖަލްސާވެސް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ކްލަބްގެ އައު ދިދަ، ލޯގޯ، ކުލަތައް އަދި ސްލޯގަން ވަނީ ފާސްކޮށްފައެވެ.
ހިޔާލު
ގުޅުންހުރި